23 Mar 2016, 17:41
ނުވަ މެޗަށް ސަސްޕެންޑްކޮށްފައިވާ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ސަސްޕެންޝަން ހަމަވެ އުރުގުއޭ ޓީމާއެކު ދަނޑަށް ނުކުންނައިރު އޭނާ ކުރިމަތިލާންޖެހޭނީ ވާދަވެރި ފޯރިގަދަ މެޗަކާއެވެ.
ސުއަރޭޒް ސަސްޕެންޑް ކުރީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޖިއާޖިއޯ ޗިލިލިނީގެ ކޮނޑުގައި ދަތް އެޅުމުގެ ސަބަބުންނެވެ.
އެ ސަސްޕެންޝަންގެ ސަބަބުން ސުއަރޭޒް އަށް ވަނީ ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭ ކުޅުނު ހަތަރު މެޗު ގެއްލިފަ އެވެ. އަދި ސުއަރޭޒްއާ ނުލާ އުރުގުއޭ މިދިޔަ އަހަރު ބައިވެރިވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އެ ޓީމު ވަނީ ގުރޫޕް ސްޓޭޖްއިން ވެސް ކަޓާފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި ދެކޮޅަށް ކުޅޭ މެޗަށް އުރުގުއޭ ފަރިތަކުރަމުންދާ އިރު ޓީމާއި އެކު ސުއަރޭޒް --- ފޮޓޯ: އޭޕީ
ވޯލްޑް ކަޕް ކޮލިފައިންގައި ގަދަ ފަދަ ބްރެޒިލްއާ ދެކޮޅަށް އުރުގުއޭ ނުކުންނައިރު ރަނގަޅު ފޯމެއްގައި ހުރި ސުއަރޭޒް ޔުރުގުއޭ ޓީމުގައި ހުރުމަކީ ބްރެޒިލްގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ އަށް ލިބޭނެ ބޮޑު ނުތަނަވަސް ކަމަކަށް ވާނެއެވެ.
"އެއްވެސް މީހަކަށް އަހަރެން މި ކުޅޭ ގޮތެއް ބަދަލެއް ނުކުރެވޭނެ. އަހަރެންގެ ކުޅުން ވާނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަރަށް ބޮޑަށް ބަދަލުވެފެ. ކުޅުމުގެ އިތުރުން އަހަރެންގެ އުޅުން ވެސް ތަފާތު ވާނެ،" ސުއަރޭޒް ބުންޏެވެ.
ޗިލިލިނީގެ ކޮނޑުގައި ދަތް އެޅި އެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ ކުރިއާ ހިލާފަށް އޭނޭގެ ކުޅުމުގެ ވައްޓަފާޅި ބަދަލުވެފައިވާ ކަން ބާސެލޯނާގައި އޭނާ ކުޅޭ ކުޅުން ބަލާލުމުން ވެސް އިނގޭނެ ކަމަށާއި ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާގެ ރުޅި ކޮންޓްރޯލް ކުރުމަށް ވަރަށް ގިނަ މަސަތްކަތްތެކެއް ކޮށްފައިވާނެ ކަމަށެވެ.

ސުއަރޭޒް ބައެއް ސަޕޯޓަރުންނާއި އެކު: --- ފޮޓޯ: އޭޕީ
ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އާއި ބްރެޒިލް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ދެ ޓީމް ވެސް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.
އެ ދެ ޓީމް ބައްދަލު ކުރާ ފުރަތަމަ މެޗު މިމަހު 26 ވަނަ ދުވަހު ބްރެޒިލް ދަނޑުގައި ކުޅޭއިރު ދެ ވެނަ މެޗު އުރުގުއޭ ދަނޑުގައި ކުޅޭނީ 30 ވަނަ ދުވަހު އެވެ.