މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ތިން މީހަކާ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 45 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 35 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ކުއްޖާގެ އުމުރަކީ 15 އަހަރެވެ.

ނަމަވެސް، ފުލުހުން ހައްޔަރުކުރި އަންހެން މީހާ އާއި 19 އަހަރުގެ ފިރިހެން މީހާގެ އިތުރުން ކުޑަކުއްޖާ ވަނީ އިއްޔެ ބަންދުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އިއްޔެ އާއި މިއަދު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މ. ފޮނިތުޅާގެ އާއި ގ. ގްރީންބީންސް ގެ އިތުރުން ގ. ޖިންޖަރުވިލާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ ތިންގެ ބަލައި ފާސްކުރިއިރު، "ރެޑް ލޭބަލް" ބްރޭންޑުގެ 20 ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލި ލީޓަރުގެ ފުޅިއަކާއި ރެޑް ލޭބަލް ބްރޭންޑްގެ ހުސް 06 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.