ފުލުހުންގެ މުއައްސަސާއާ ރައްޔިތުންނާ ދެމެދު ނަފްރަތު އުފަދައި، ފުލުހުންނާ ގުޅޭގޮތުން އެކި ކަހަލަ ވާހަކަތައް ދައްކައި ފުލުހުންނަށް ފުރައްސާރަކޮށް މުޅި މުއައްސަސާގެ ގަދަރާއި ހައިބަތު ކުޑަކުރުމަށް ބައެއް މީހުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވެފައި ވަނީ ކ. އަތޮޅުގެ ދެރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ހިންމަފުށި ކައުންސިލް މެމްބަރުންނާއި އަދި ހިންމަފުށްޓާއި ތުލުސްދޫގައި މަސައްކަތް ކުރާ ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެގޮތުން ފުލުހުންގެ ދައުރު އަދާކުރަމުންދާއިރު ފުލުހުންނަށް ކުރެވޭ ކުށްތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ނިޒާމު ހަމަޖެހިފައި އޮއްވައި މަދުބަޔަކު ނަމަވެސް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅޭނެހެން އަދި ފުލުހުންނާ ފުލުހުންގެ މުއައްސަސާގެ މަސައްކަތުގެ އަގުވަޒަން ނުކުރެވޭނެގޮތަށް ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ސީޕި ވިދާޅުވީ، ފުލުހުންގެ މަސައްކަތާމެދު ހިތްހަމަ ނުޖެހޭ ކޮންމެފަހަރަކު ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި އިންޒާާރުދީ ހަދާކަމަށާއި އެފަދަ ކަންކަން ހުއްޓުވަން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފަސްނުޖެހި އަޅުއްވާނެ ކަމަށެވެ.

ހިންމަފުށީ އަދި ތުލުސްދޫގައި މަސައްކަތް ކުރާ ފުލުހުންނާ އެކު ބޭއްވި ބައްދަލުވުން -- ފޮޓޯ: ޕޮލިސް

އެ މޭރުމުން ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ފުލުހުން ގާއިމުވެ ތިބޭއިރު ބައެއް ރަށްރަށުގައި ފަހެއް ނުވަތަ ހަ ފުލުހުން ތިބި ނަމަވެސް އެއިން ފުލުހަކަށް އަދި އެއިން ފުލުހެއްގެ އާއިލާއަށް ދިމާވާ ކަންކަމުގައި ހުރިހާ ފުލުހުން އެކުގައި ތިބޭނެކަން ކޮންމެ ފުލުހަކުވެސް އަބަދުވެސް ހަނދާން ކުރަންވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ސީޕީ ވަނީ ކޮންމެ ފުލުހަކުވެސް އިހްލާސްތެރިކަމާއި އަމާނަތްތެރިކަމާއެކު ފުލުހުންގެ ދައުރު އަދާކޮށްދިނުމަށާއި ގާނޫނަށާއި ގަވާއިދުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތައް ކުރަމުން ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

ހިންމަފުށި ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަގައި ސީޕީ ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އެކަން ހާސިލް ކުރުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހިންމަފުށީ ކައުންސިލާ އެކު ސީޕީ ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

ހަމައެއާއެކު ފުލުހުންގެ ދައުރު އަދާކުރުމަށް ކުރާ މަސައްކަތަކާއި ގުޅިގެން ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާތަކަށް އިންޒާރުދިނުން ފަދަ މައްސަލަތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް މުޅި ފުލުހުންގެ މުއައްސަސާ މަސައްކަތްކުރާނެކަމަށްވެސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، ހިންމަފުށީގައި ދެމުންދާ ފުލުުހުންގެ ހިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުންނާއި އެރަށުގައި ދާއިމީ ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.