23 Mar 2016, 16:15
ބަނދަރުތައް ބެލެހެއްޓުމާއި ހަތިޔާރު ދެނެގަތުމަށް ތަމްރީނުތަކެއް ބޭއްވުމަށް ސްރީލަންކާ ކަސްޓަމާއި ރާއްޖޭގެ ކަސްޓަމްސް އާއި ދެމެދު އެއްބަސްވުމެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު، އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ކަސްޓަމްސް އިން ބުނީ، މައުލޫމާތު ބަދަލުކުރުމާއި، ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމުގެ އިތުރުން މަސްތުވާތަކެއްޗާއި ހަތިޔާރުފަދަ ތަކެތި ދެނެގަތުމާއިބެހޭ ތަމްރީންތައް ބޭއްވުމަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ސްރީލަންކާ ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމަވާފައިވާކަމަށެވެ.
ކަސްޓަމްސް އިން މައުލޫމާތު ދޭގޮތުގައި އެ މަޝްވަރާތަކުގައި ޖަޕާނާއި ސައުތުކޮރެއާގެ އިތުރުން ސްރީލަންކާ އަދި ތައިލެންޑުން ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންނަށް އިތުރު ތަމްރީންގެ ފުރުސަތުތައް ދޭން އެ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.
އެބައްދަލުވުމުގައި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގެ ނިޒާމް ހަރުދަނާކުރުމާއި، މަސްތުވާތަކެއްޗަށް ހާއްސަކުރެވިގެން އިތުރު އޮޕަރޭޝަންތައް ހިންގުމާއި، ކަސްޓަމްސް އޮފިސަރުންނަށް ތަފާތު ދާއިރާތަކުން ހިންގޭ ތަމްރީން ޕްރޮގްރާމްތައް އިތުރުކުރުމަށްވެސް ނިންމާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.