23 Mar 2016, 15:55
މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް ތެލުގެ އަގު މާދަމާއިން ފެށިގެން ހެޔޮ ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓު ފަހަރުތަކުން އަދި އެ ކުންފުންޏަށް އާއްމުކޮށް މަސް ކިރުވާ މަސްވެރިންނަށް ޑީސަލް ވިއްކާ އަގު މާދަމާއިން ފެށިގެން ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު 10.50 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މާދަމައިން ފެށިގެން 7.30 ރުފިޔާ އަށް ވިއްކަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ ޑީސަލްގެ އަގަށް ގެނައި ބަދަލަކީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށަށް ދިއުމާ ގުޅިގެން މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދީ މަސްވެރިންނަށް ނަފާވެރިކަން އިތުރު ކޮށް، މަސްވެރިން މަސް ކަނޑަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެސްޓީއޯގެ އެހީތެރިކަމާއެކު ގެނައި ބަދަލެއް ކަމަށެވެ.
އަދި ތެލުގެ އަގަށް ގެނައި ބަދަލަކީ، މަސްވެރިންނަށް ފައިދާ ތަކެއް ލިބިގެންދާނެ ބަދަލެއް ކަމަށް އުއްމީދު ކުރާ ކަމަށްވެސް މިފްކޯއިން ބުނެ އެވެ.