ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، އިސްތިއުނާފުކޮށްފައި ވަނީ އިއްޔެ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކުރި މައްސަލަ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރި ގާސިމްގެ ބަންދުގެ މުއްދަތު އަނެއްކާވެސް 10 ދުވަހަށް އިއްޔެ އިތުރުކުރީ ހުއްދަނޫންގޮތުގައި މައުލޫމާތު ހާމަކުރުމާއި ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެކި ނައްތާލަން މަސައްކަތްކޮށްފާނެ ކަމަށްޓަކައެވެ.

ނާޒިމް ވިދާޅުވީ، ގާސިމް ހައްޔަރުކުރުމުގެ ކޯޓު އަމުރު ނެރެފައި ވަނީ ކަމާ ނުގުޅޭ ގާނޫނަކާ މަތިކޮށް ކަމަށެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ އުސޫލުގެ ތެރެއިން ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދެވޭ ޝަރުތުތަކުގެ ތެރެއިން އެއްވެސް ޝަރުތަކަށް އެ މައްސަލަ ނުފެތޭއިރު އޭނާ ބަންދުގައި ބަހައްޓާފައިވާކަން ވެސް އިސްތިއުނާފުކުރި މައްސަލާގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

ގާސިމް ހައްޔަރުކުރީ ވަކި ހާލަތަކާ ގުޅިގެން ކަމަށް ބުނާއިރު އެހާލަތު ދެމިގެން ގޮސްފައިނުވާކަން ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވާނެ ކަމަށްވެސް ނާޒިމް ވިދާޅިއެވެ.