ވޮޝިންގޓަން: އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސްގެ ބަދަލުގައި އެމަޤާމަށް ސީ.އައި.އޭ.ގެ މިހާރުގެ ވެރިޔާ ލިޔޮން ބެނީޓާ އިސްކުރަން ރައީސް ބަރަކް އޮބާމާ ނިންމަވައިފި އެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ލިޔޮން ބެނީޓާ، ދިފާޢީ ވަޒީރުކަމަށް ޢައްޔަން ކުރުމުން ސީ.އައި.އޭ.ގެ ވެރިޔާގެ މަޤާމަށް ޢައްޔަން ކުރަން ހަމަޖައްސާފައިވަނީ ޖެނެރަލް ޑޭވިޑް ޕެޓްރާވްސް އެވެ. އޭނާއަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ މިހާރުގެ ވެރިޔާއެވެ.

މީގެއިތުރުން އަފްޣާނިސްތާނުގައި ހުންނަވާ އެމެރިކާގެ ސަފީރުކަމަށް ރިޔާން ކްރޫކަރ ހަމަޖެއްސުމަށްވެސް ރައީސް ބަރަކް އޮބާމާވަނީ ނިންމަވާފައެވެ. މި މަޤާމްތަކަށް މިބޭފުޅުން އިޚްތިޔާރު ކުރެވުނު ނަމަވެސް މިބޭފުޅުންނާ މަޤާމްތައް ޙަވާލުކޮށް ރަސްމީގޮތުން މިބޭފުޅުން ޢައްޔަންކުރެވޭނީ ސެނެޓްގެ ރުހުން މިކަމަށް ލިބިގެންނެވެ.

ޚަބަރުތައް ބުނާގޮތުން މިމަޤާމްތަކަށް ބަދަލުގެންނަން ރައީސް އޮބާމާއަށް ޖެހިވަޑައިގަތީ ދިފާޢީ ވަޒީރުކަމުގައި މިހާރު ހުންނެވި ރޮބަޓް ގޭޓްސް އެމަޤާމުން އިސްތިއުފާދެއްވުމަށް ނިންމެވުމުންނެވެ.

ގޭޓްސްއަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިޔުބުޝްގެ ރިޔާސީ ދެވަނަ ދައުރުން ފެށިގެން ދިފާޢީ ވަޒީރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވަނީ އެމެރިކާގެ އިދިކޮޅު ޖުމްހޫރީ ޕާޓީއަށެވެ. (އަލްޖަޒީރާ)