23 Mar 2016, 14:14
ބްރަސެލްސް (މާޗް 23): ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ އެއާޕޯޓަށް ޖާނުންފިދާވެގެން ހަމަލާ ދިނީ ދެބެއިން ކަމަށް ބެލްޖިއަމްގެ ނޫސް އޭޖެންސީއަކުން ރިޕޯޓުކޮށްފި އެވެ.
ބެލްޖިއަމްގެ ސްޓޭޓް ބްރޯޑްކާސްޓާ، އާރްޓީބީއެފް އިން ބުނީ ބްރަސެލްސްގެ އެއާޕޯޓަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެމީހުންނަކީ ޚާލިދް އަލް ބަކްރޫއީ އާއި އިބްރާހިމް އަލް ބަކްރޫއީ ކަމަށެވެ. ފުލުހުންނާ ހަވާލާދީ އާރްޓީބީއެފް އިން ބުނީ އެދެމީހުންގެ ވެސް ކުށުގެ ރިކޯޑު އޮންނަ ކަމަށާއި ނަމަވެސް ޓެރަރިޒަމްއާ ގުޅުން އޮތްކަން ކުރިން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ޕެރިހުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިން ބޮމުގެ ހަމަލާތަކުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ އަދި ބްރަސެލްސްގެ ފުލުހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ސަލާހް އަބްދުއްސަލާމްއާ އެދެބެއިންނާ ގުޅުމެއްވާކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ. ސަބަބަކީ ސާލިހް އަބްދުއްސަލާމް ހޯދުމަށް ފުލުހުން ކުރި އޮޕަރޭޝަނުގައި ފާސްކޮށްފައިވާ އެއް އެޕާންޓްމެންޓު މީގެ ކުރިން ޚާލިދް އަލްބަކްރޫއީ އެހެން ނަމެއްގައި ކުއްޔަށް ހިފާފައިވުމެވެ. އެ އެޕާޓްމެންޓުން އިސްލާމިކް ސްޓޭޓްގެ ދިދައަކާއި ބަޑިއަކާއި ބޮން ގޮއްވަން ބޭނުންކުރާތަކެއްޗާއި ސަލާހް އަބްދުއްސަލާމްގެ އިނގިލީގެ ނިޝާން ފުލުހުންނަށް ފެނުނެވެ.
ފުލުހުން ވަނީ އެދެބެއިން ޖާނުން ފިދާވެގެން ހަމަލާއެއްދީ މަރުވެފައިވާ ކަމަށް "ވަރަށް ބޮޑަށް ބެލެވޭ" ކަމަށް ބުނެފަ އެވެ. ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ މިހާރު ކުރަމުންނެވެ. އެއީ ފުލުހުން އާއްމު ކުރި ފޮޓޯގެ ކަނާތް ފަރާތުގައި ހުދު ކުލައިގެ ޖެކެޓެއް ލައިގެން ހުރި މީހާ އެވެ.
އިއްޔެ ބްރަސެލްސްގެ އެއާޕޯޓަށާއި މެޓްރޯ ސްޓޭޝަނަކަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 35 މީހަކު މަރުވެފައިވެ އެވެ. (އޭޕީ)