މިހާރު އަމަލީ މަސައްކަތް ފެށިފައިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ނިމި، ބްރިޖު ހުޅުވާލާއިރު ހުޅުލެއާ ހުޅުމާލެ ގުޅުވައިދޭ އިތުރު މަގެއް ހެދުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްއިއުލާނުކޮށްފި އެވެ.

މަގު ހެދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނާއި އެކު ނެރުނު ލިޔުމުގައި ބުނެފައިވަނީ، މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިލުމަކީ މާލެ ސަރަހައްދުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހުޅުލެއާއި ހުޅުމާލެއާ ގުޅައިލުމަށް، ދެ ރަށުގެ ދެމެދުގައި ދެ ލޭނުގެ މަގެއް މިހާރު ވެސް އޮވެއެވެ. އެހެން ނަމަވެސް މާލެއާއި ހުޅުލެ ބްރިޖުން ގުޅައިލުމުން، ހުޅުމާލެއަށް ދާނެ ޓްރެފިކަށް އެ މަގު ފުދޭނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ލިޔުމުގައި ވެ އެވެ. އަދި މިހާރު ހުޅުލެއާއި ހުޅުމާލެއާ ދެމެދު އޮންނަ މަގަކީ، އެއާޕޯޓު ރަންވޭއާ ކައިރީގައި އޮންނަ މަގެއް ކަމުން އެސަރަހައްދު އާންމުންނަށް ހުޅުވައިލުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

ފިނޭންސުން ބުނީ، މި މަސައްކަތް ކުރުމަށް ކޮންސަލްޓަންސީ ދިނުމަށް ކުރިމަތިލާ ފަރާތްތަކުން، އެސަރަހައްދުގެ ސާރވޭތައް ހަދައި، ފީސިބިލިޓީ ސްޓަޑީއެއް ހަދަން ޖެހޭ ކަމަށާއި، މަޝްރޫއު ހިންގާނެ ގޮތުގެ ޕްލޭނެއް ރާވަން ޖެހޭ ކަމަށެވެ.

އަދި މަގުގެ ތެރެއިން، ފެނާއި ކަރަންޓު އަދި ނަރުދަމާ ނިޒާމުގެ ޚިދުމަތްތައް ދިނުމަށް ސަރަހައްދެއް ހާއްސަ ކޮށް، އެކަން ވަކިން ފާހަގަ ކުރަން ޖެހޭނެ ކަމަށާއި، އެ މަގުން ފެން ހިންދާނެ ގޮތެއް ހޯދައި، އެސަރަހައްދު ގިރުމުގެ މައްސަލަ ކުރިމަތި ނުވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ފިނޭންސުން އާންމުކުރި ލިޔުމުގައި ވެ އެވެ.

އަދި މި މަސައްކަތްތައް ރާވަން ޖެހޭނީ، އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަކަށް ކަމަށް ވެސް އެ ލިޔުމުގައި ވެ އެވެ.

ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތް ކުރުމަށް ފަންނީ ލަފާ ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 28 މާރިޗު ވާ ހޯމަ ދުވަހު 10:00 ގައި ފިނޭންސް މިނިސްޓްރީގައި އޮންނަ ބައްދަލުވުމަށް ވަޑައިގަތުމަށް އެދޭ ކަމަށާއި، މައުލޫމާތު ސާފު ކުރަން އެދޭނަމަ 31 މާރިޗް 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެކަން ކުރުމަށް އެދޭ ކަމަށެވެ.

އަދި މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯޒަލްތައް، 12 އޭޕްރިލް 2016 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އެ މިނިސްޓްރީއަށް ފޮނުވަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.