23 Mar 2016, 14:03
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރެއްވުމަށް އިތު މުއްދަތެއް ދިނުމަށް އަނެއްކާ ވެސް އެދިވަޑައިގެންފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މިއީ މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމް ފަރުވާގެ މުއްދަތު އިތުރުކުރަން އެދިވަޑައިގެން ތިން ވަނަ ފަހަރު ކަމަށެވެ.
ނަމަވެސް އެކަމަށް އެދި ހުށަހަޅާފައި ވަނީ ކޮންއިރަކު ކަމެއް އަދި މި ފަހަރު އެދިވަޑައިގަތީ ކިހާ ދުވަހެއްގެ މުއްދަތެއް ކަމެއް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ނާޒިމް ބޭސް ފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އޭރު ނާޒިމަށް ދެއްވީ 15 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ޖަނަވަރީ މަހުގެ ތެރޭގައި ނާޒިމަށް ވަނީ ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ހުރުމަށް ދެ މަސް އިތުރުކޮށްދީފަ އެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހަށެވެ.
ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
މެމްބަރު ނާޒިމްގެ އިތުރުން، ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވެސް ހުންނެވީ ބޭސްފަރުވާ އަށް ސިންގަޕޫރުގަ އެވެ.
ބޭސް ފަރުވާއަށް ކާނަލް ނާޒިމް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ މިމަހުގެ 18 ވަނަ ދުވަހު، 21 ދުވަހުގެ މުއްދަތަކަށެވެ.