މާބަނޑު ދުވަސްވަރު ހަކުރުމަބަލީގެ މައްސަލަތައް ކުރިމަތިވާ އަންހެނުންނަށް އެކަމާ ގުޅިގެން ކުރަން ޖެހޭ ފަރުވާތައް ދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ކްލިނިކެއް ގާއިމްކޮށްފި އެވެ.

މާބަނޑު މީހުންގެ ހަކުރުބަލީގެ ކްލިނިކް ތައާރްކުރީ އެ ކްލިނިކާއި އަމިއްލައަށް ހިދުމަތް ލިބިގަންނަ ކިއޯސްކް ތައާރަފް ކުރުމަށް އެހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ކްލިނިކް އިފްތިތާހު ކުރެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މާބަނޑު މީހުންގެ ހަކުރުބަލީގެ ކްލިނިކް ތައާރަފްކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ޑައިރެކްޓާ މެޑިކަލް ސާވިސަސް ޑރ. ޢަލީ ނަޒީމު ވިދާޅުވީ އެ ކްލިނިކް ތައާރަފް ކުރީ އަންހެނުންނަށް މާބަނޑު ދުވަސްވަރު ދިމާވާ ހަކުރުބަލީގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ވަން ސްޓޮޕް ޑަޔަބެޓިކް ސެންޓަރެއްގެ ގޮތުގައި ޑަޔަބެޓިކް، ނޫނީ ހަކުރުބަލީގެ ހިދުމަތްތައް ފުޅާ ކުރުމަށް ވިސްނާފައި ވާތީ، އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކޮމްޕޯނެންޓެއް ކަމަށް އަޅުގަނޑުމެން ދެކެނީ މާބަނޑު އަންހެނުންނަށް ދިމާވާ މައްސަލަތައް، ހާއްސަކޮށް މާބަނޑު އަންހެނުންނަށް މާބަނޑު ދުވަސްވަރު ހަކުރުބަލީގެ މައްސަލަ ދިމާވެގެން، ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހަކުރުބަލި ހުންނަ އަންހެނުންގެ ހާއްސަ ކްލިނިކެއް އިފްތިތާހު ކުރުމަށް،" ކްލިނިކް ގާއިމް ކުރި މަގުސަދާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޢަލީ ނަޒީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ހޯމަ ދުވަހެއްގެ މެންދުރު ފަހު ކަމަށެވެ.

ކްލިނިކް ހިންގާނީ އެތެރެހަށީގެ ބަލިތަކަށް ފަރުވާ ކުރާ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް ޑރ. ޢަލީ ލަތީފާއި އޮބްސްޓެޓްރިކް ގައިނީ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް ޑރ. އަސީލް ޖަލީލުގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް ނަޒީމު ވިދާޅުވި އެވެ.