23 Mar 2016, 13:29
ހަނގުރާމާގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް އެތެރެވާން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށް ރާއްޖެ ގެނެސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ހަނގުރާމާގައި ބައިވެރިވުމަށް ސީރިއާ އަށް ދާން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ދިވެހި ފުލުހުންނާއި ތުރުކީގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ތިން މީހުން ވެސް މިހާރު ރާއްޖެ ގެނެސް، ބަންދުކޮށްފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގު މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
ތުރުކީ އިން ހައްޔަރުކޮށްފައި ވަނީ މީ ތ. ގާދިއްފުށީ، މުނައްވަރު އަބްދުﷲ އާއި ލ. މާމެންދޫ، އަހުމަދު ލަތީފް ގެ އިތުރުން ގދ. ރަތަފަންދޫ، އަހުމަދު ސުހެއިލް ކަމަށް މައުލޫމާތު ލިބެ އެވެ.
ސީރިޔާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން އަންނަ އިރު، ހަނގުރާމައިގައި ބައެއް ދިވެހިން މަރުވެފައި ވެސް އެބަހުއްޓެވެ. އަދި ހަނގުރާމައަށް ދާން އުޅުމުގެ ތެރޭގައި ބައެއް ދިވެހިން ހިފަހައްޓާފައި ވެސްވެ އެވެ.