މާލިއްޔަތު ކޮމިޓީ އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޒީމާ އާދަމް ހާޒިރު ކުރުމަށް ނިންމައިފި އެވެ. ގަވަރުނަރުގެ އިތުރުން މިރޭ މާލިއްޔަތު ކޮމެޓީއަށް ފުލުހުން ވެސް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ.

އަޒީމާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އަޒީމާ ހާޒިރު ކުރަން ނިންމީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި އެހެނިހެން މައްސަލަތަކަށް ވާހަކަދެއްކުމުގެ ފުރުސަތު މުގައްރިރު ހުޅުވާލުމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ދެއްކެވި ވާހަކަފުޅުކާއި ގުޅިގެން ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ.

އާމިރު ވިދާޅުވީ ރާއްޖެއިން ބޭރަށް ދިއުމަށް ބޭންކުތަކުން ޑޮލަރު ދޫކުރާއިރު ވަރަށް ފަސޭހައިން ޑޮލަރު ދޫކުރާ ބޭންކުތަކާއި ޑޮލަރު ދޫނުކުރާ ބޭންކުތައް ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް އަގުބޮޑުކޮށް ވިއްކަމުންދާ ކަމަށެވެ.

"އެހެންވީމާ އެމްއެމްއޭގެ ގަވާއިދުގެ ތެރެއިން ކިހާވަރެއްގެ ހުއްދަ ކުރާ ކަމެއްތޯ، އަދި ހަމަ އެއާއެކު ބޭންކުތަކުގައި ކިޔޫގައި ޖައްސައިގެން ޑޮލަރު ގަންނަ ބޭރުގެ ފަރާތްތައް އެކަން [ޑޮލަރު އަގުބޮޑުކޮށް ވިއްކުން] ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުން އެގެންދަނީ،" އާމިރު ވިދާޅުވި އެވެ.

ެއެކަމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ބައެއް ބޭންކުތަކަކީ ރާއްޖޭގައި ހަމައެކަނި ނަމެއްގައި ހުންނަ ބޭންކުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންނަށް ހިދުމަތް ނުދޭ ބޭންކުތައް ބަންދުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބޭންކެން ހުންނަންޖެހޭނީ މުއްސަނދިންގެ ފައިސާ ޑިޕޮސިޓު ކުރާކަށް ނޫން ކަމަށެވެ.

"ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ނުދެވިއްޖިއްޔާ މި ކޮމެޓީން މި މައްސަލަ ބަލަންޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެއްވެސް ދަތި ކަމެއް ނެތި ރާއްޖެއިން ޑޮލަރު ލިބެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބޭންކުތަކުން ވެސް ޑޮލަރު ބުލެކު މާކެޓަށް ނެރެމުންދާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ރާއްޖޭގައި މަނިޓަރީ ޕޮލިސީއަކީ ތަންފީޒުވާ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދިންކަމުގައި ވިއަސް އެކަން ތަންފީޒު ނުވާނަމަ އެކަމަށް ހައްލެއް ނާންނާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.

"މި ނޫން ގައުމެއް ނޯންނާނެ އެމީހަކު ބޭނުންވަރަށް ޑޮލަރު ހިފައިގެން ގޮސް ފުރައިގެން ދެވޭ ގައުމެއް. މިވާހަކަ އަޅުގަނޑުމެން ދައްކާތާ ކިތަންމެ ދުވަހެއް ވެއްޖެ. މިތަނުގައި ގަވާއިދާ ހިލާފަށް އުޅޭ މީހާ ވެސް ވެސްޓަން ޔޫނިއަނަށް ގޮސް ބޭނުން ވަރަކަށް ލާރި ރަށަށް ފޮނުވޭނެ،" ގަފޫރު ވިދާޅުވި އެވެ.