ނުރައްކާތެރި އެއްޗެއް އޮތް ކަމަށް ބެލެވޭ ފޮށިގަނޑެއް، ފްރާންސްގެ ދެކުނުގައި އޮންނަ ޓުލޫސްގެ އެއާޕޯޓުން ފެނިގެން، އެ އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މުޅި އެއާޕޯޓު ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.

ޖީއެމްޓީ ގަޑިން 5:45 ހާ އިރު ޓުލޫސް އެއާޕޯޓު ބަންދު ކުރުމާ އެކު، އެ އެއާޕޯޓުން އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެވަގުތު ފުރަން ތައްޔާރުވެފައިވާ ބޯޓުތަކުން ވެސް ފަސިންޖަރުން ވަނީ ބާލުވައިފަ އެވެ.

ފްރާންސްގެ މީޑިއާ އިން ރިޕޯޓު ކުރާ ގޮތުގައި، އެ އެއާޕޯޓުގައި މިވަގުތު ހަރަކާތްތެރިވަމުން ދަނީ ފުލުހުންނާއި ސިފައިންނެވެ. އަދި އެފަރާތްތަކުން ގެންދަނީ މުޅި އެއާޕޯޓާއި، އެ ސަރަހައްދުގައި ތިބި މީހުންނާއި ފަސިންޖަރުން ބަލައި ފާސްކުރަމުންނެވެ.

އެގައުމުގެ މީޑިއާ އިން ބުނާ ގޮތުގައި، އެއާޕޯޓު އިވެކުއޭޓް ކުރީ، އެތަނުން ފެނުނު ގޮތް ނޭނގޭ، އަދި ނުރައްކާތެރި އެއްޗެއް އޮތްކަމަށް ޝައްކު ކުރެވޭ ފޮށިގަނޑެއް ފެނިގެންނެވެ. އެހެން ނަމަވެސް އެއާލައިވް ޑޮޓް ނެޓުން ބުނަނީ، އެއާޕޯޓު އިވެކުއޭޓް ކުރީ ސެކިއުރިޓީ މައްސަލައެއް ދިމާވެގެން ކަމަށެވެ.

އިއްޔެ ބެލްޖިއަމްގެ ބްރަސެލްސްގައި ޓެރަރިސްޓް ޖަމާއަތް އައިއެސް އިން ދިން ހަމަލާތަކާއި ގުޅިގެން، މުޅި ޔޫރަޕު މިވަގުތު އޮތީ އެލާޓްގަ އެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އިންޓަނޭޝަނަލް އެއާޕޯޓާއި، މާލްބީކް މެޓްރޯ ސްޓޭޝަނުގައި ދެވުނު ބޮމުގެ ތިން ހަމަލާގައި، 31 މީހަކު މަރުވެ، 250 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

މަސްދަރު: ރަޝިއާ ޓުޑޭ