23 Mar 2016, 12:57
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހިދުމަތް ހޯދާ ފަރާތްތަކަށް އަމިއްލައަށް ބައެއް ހިދުމަތްތައް ލިބިގަނެވޭ މެޝިނެއް އެ ހޮސްޕިޓަލުގައި ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މައި ދޮރާށިން ވަންނަ އިރު ކަނާތްފަރާތުގައި ބަހައްޓާފައި ހުރި އަމިއްލަ އަށް ހިދުމަތް ލިބިގަންނަ މެޝިން "ސެލްފް ސާވިސް ކިއޯސްކް"ގެ ހިދުމަތް ފައްޓަވައި ދެއްވީ އެކަމަށް ޓަކައި މިއަދު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
ސެލްފް ސާވިސް ކިއޯސްކްގެ ހިދުމަތް ފެށުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު ވިދާޅުވީ ސެލްފް ސާވިސް ކިއޯސްކް ބެހެއްޓުމަކީ އައިޖީއެމް އެޗުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތް ވީހާ ވެސް ލުއިފަސޭހަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ. ކިއޯސްކްގެ ހިދުމަތް މިއަދު ތައާރަފް ކުރާ އިރު އެންމެ ކިއޯސްކެއް ހުރި ނަމަ ވެސް އެ އަޖުމަ ބެލުމަށް ފަހު އިތުރު ކިއޯސްކްތައް ބަހައްޓާނެ ކަމް ވެސް އޭނާ ވިދާޅުވި އެވެ.
"މިހުރިހާ ކަމެއްގެ މަގުސަދަކީ އަޅުގަނޑު ކުރިން ވެސް އިޝާރާތްކުރި ފަދައިން، އަޅުގަނޑުމެންގެ ހިދުމަތް ހޯދަން އަންނަ، ވަޑައިގަންނަވާ ވަރަށް ގިނަ ފަރާތްތަކަކަށް ކިއުގައި ގިނަ އިރު ނުތިބެ، އަވަހަށް ފަސޭހައިން މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަކުރުން،" ފަރުހަތު ވިދާޅުވި އެވެ.
ސެލްފް ސާވިސް ކިއޯސްކުން ލިބޭ ހިދުމަތްތަކަކީ:
- އެޕޮއިންޓްމެންޓް ހެއްދުން
- އެޕޮއިންޓްމެންޓް ހެއްދުމަށް ނަން ނޯޓްކޮށްފައިވާ ނަމަ އެކަން އޮތް ހިސާބެއް ބެލުން
- އެޕޮއިންޓްމެންޓް ލިބިފައިވާ ނަމަ ޑޮކްޓަރަށް ދެއްކުމަށް މެމޯ ހެދުން
- އެކްރޭ، އެމްއާރްއައި އަދި ލެބޯޓްރީ ޓެސްޓްތަކުގެ ނަތީޖާ ރިޕޯޓް ތައްޔާރުވެފައި އޮތްތޯ ބެލުމާއި ތައްޔާރުވެފައިވާ ނަމަ ޗާޕްކުރުން
- ހޮސްޕިޓަލުން ކޮޓަރި ހޯދުމަށް ނަންނޯޓްކޮށްފައިވާ ނަމަ ކިއު ތަރުތީބު ބެލުން
- ހަފުތާގެ ތެރޭގައި ޑޮކްޓަރުންގެ ޑިއުޓީ އޮތް ގޮތް ބެލުން
މިއަދު ތައާރަފުކުރި ކިއޯސް ބޭނުން ކުރުމަށް ޓަކައި ފުރަތަމަ ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އެގޮތުން ކިއޯސްކްގައިވާ އައިޑީކާޑް ބާއްވަން ހާއްސަކޮށްފައިވާ ތަނުގައި ބޭއްވުމުން ރަޖިސްޓްރީ ކުރުމުގެ އޮޕްޝަން ސްކްރީނުން ފެނެ އެވެ. ޓަޗް ސްކްރީންގައިވާ އެ އޮޕްޝަން ނެގުމުން ރަޖިސްޓްރީ ކުރެވި، ޕިން ނަމްބަރެއް، އެސްއެމްއެސް އެއް ފޯނަށް( އައިޖީއެމްއެޗްގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަށް) ލިބެ އެވެ. އަދި އެ ޕިން ނަމްބަރު ބޭނުންކޮށްގެން ކިއޯސްކުން ލިބޭ ހިދުމަތްތައް ހޯދެ އެވެ.