23 Mar 2016, 12:37
ގިނަ އަދަދެއްގެ މަސް މަރުވެ، ރާއްޖޭގެ ބައެއް ރަށްރަށަށް ލައްގަން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ހިއްސާކުރި ބައެއް ރަށްރަށުން ވަނީ އެ ރަށްރަށަށް ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގާ ކަމުގެ މައުލޫމާތު ދީފަ އެވެ. އެގޮތުން އިއްޔެ އާއި މިއަދު އެގޮތަށް ރަށްރަށަށް ދަނީ މަސް ލައްގަމުންނެވެ.
މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް އާދަމް މިއަދު ސަން އަށް ވިދާޅުވީ މަސް މަރުވެގެން ލައްގާކަމުގެ މައުލޫމާތު އެސެންޓަރަށް ހުށައަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އެގޮތަށް ދިމާވަމުން ދަނީ ހޫނުގަދަވުމާއި ދިޔަވަރު މަޑުވުމުގެ ސަބަބުން އޮކްސިޖަން މަދުވުމުގެ ސަބަބުން ކަމަށެވެ.

ތަކަންދު އަށް ލައްގާފައި އޮތް މަރުވެފައިވާ މަހެއް މީހަކު ދައްކާލަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް
ބެދިފައި ހުންނަ ފަރުތަކުން ލޮނުގަނޑު ހިކުމުގެ ސަބަބުން އޮކްސިޖަން މަދުވެ މަސް މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝިހާމް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ މާޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައި އާންމުކޮށް މަސް މަރުވެގެން ލައްގާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ އެގޮތަށް މަރުވެގެން ލައްގާ މަސް ނުކެއުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތަށް ލައްގާ މަސް ވަޅުލުމަށް އޭނާ ލަފާދެއްވި އެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ ރާއްޖެ އަށް ވަރަށް ހޫނު ގަދަ ދުވަސްވަރެއް ކަމަށާއި ލޮނުގަނޑު ވެސް ވަރަށް ހޫނު ކަމަށެވެ.