މި މަސް ނިމެން ވާއިރަށް ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމަށް ކަނޑައަޅާފައިވާ ފަހު ދުވަހަކީ މާރިޗު 31 އެވެ. މީރާ އިން ބުނީ ސުންގަޑި ހަމަވާއިރު ފީ ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށެވެ.

އަހަރީ ފީގެ ގޮތުގައި އަމިއްލަ ކުންފުނިތަކުން މީރާއަށް 2000 ދައްކަން ޖެހޭ އިރު ސަރުކާރު ކުންފުނިތަކުން ދައްކަން ޖެހޭނީ 10،000 ރުފިޔާ އެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރާއިރު، އޭޕްރީލް މަހުގެ ތެރޭގައި ފީ ދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނީ 1000 ރުފިޔާ އެވެ. އޭގެ ފަހުން ފީ ދައްކާ ފަރާތްތައް 2500 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާ އިން ބުނީ މާޗު 31 ގެ ކުރިން އުވާލަން ހުށަހަޅާފައިވާ ކުންފުނިތައް 2016 ވަނަ އަހަރަށް އަހަރީ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އުވާލަން ހުށަހަޅާ ކުންފުނިތަކުން 2016 ގެ އަހަރީ ފީ ދައްކަން ޖެހޭނެ އެވެ.