23 Mar 2016, 11:33
ދިވެހި ޒުވާން މަސްވެރިންނަށް ޖަޕާނުގައި މަސްވެރިކަމާ ގުޅުންހުރި ތަމްރީން ހޯދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ ޕްރޮގްރާމަކީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ އެހީގައި އެކުލަވާލާފައިވާ މަސްވެރިކަމުގެ މާސްޓަރޕްލޭންގެ ދަށުން، ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. އަދި ކޯހަށް ހޮވޭ ބައިވެރިންގެ ހަރަދުތައް ވެސް ބަލަހައްޓާނީ އެ އޭޖެންސީން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ހަފްތާގެ މުއްދަތަށް ޖަޕާނުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގައެވެ.
ޕްރޮގްރާމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އުމުރުން 35 އަހަރުން ދަށުގެ ޒުވާނެއްކަމުގައިވާންޖެހޭއިރު، މިހާރުވެސް އާމްދަނީ ހޯދުމުގެ ގޮތުން މަސްވެރިކަން ކުރާ މީހަކަށް ވާންޖެހެ އެވެ. އަދި ޕްރޮގްރާމަށް ހޮވާނީ ތިން މީހުން ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ދިވެހި ޒުވާން މަސްވެރިންނަށް ތަމްރީން ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީން ހުޅުވާލާފައިވާއިރު، މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން މަސްވެރިން ތަމްރީން ކުރުމަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ދެ މަސްވެރިއަކު ވަނީ ތަޖުރިބާ ހޯދުމަށް 2014 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއަށް ފޮނުވާފައެވެ.