މާލޭ ޕެޓްރޯލް ޖެޓީގެ ފަޅުތެރޭގައި އޮތް ލޯންޗަކުން ވައްކަން ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ބޮޑުތަކުރުފާނު މަގު ޕެޓްރޯލް ޖެޓީ ކައިރީ ފަޅު ތެރޭގައި އޮތް ލޯންޗަކުން ވައްކަން ކޮށްގެން، 21 މާރިޗު 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެރޭ އެސަރަހައްދުން ފުލުހުން ހައްޔަރުކުރީ 28 އަހަރުގެ ދިވެއްސެކެވެ.

ފުލުހުން ބުނީ، އޭނާ ހުއްޓުވައި، އޭނާ ބަލައި ފާސްކުރި އިރު އޭނާގެ އަތުން ލޯންޗު ޓިކެޓާއި، ލަގެޖު ޓެގާއި، ލަގެޖު ނޯޓުކުރާ ފޮތަކާއި، ފަސް ޑޮލަރާއި ދެ ފޯނު ޗާޖަރުގެ އިތުރުން ދެ ފޯނާއި ދެ އަވި އައިނު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މީހާއަކީ މަސްތުވާތަކެއްޗާއި، ވައްކަމާއި މާރާމަރީގެ މައްސަލަތަކުގެ ރިކޯޑު އޮތް މީހެއް ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހްގީގު ކުރަމުންނެވެ.