23 Mar 2016, 10:49
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިޓަލީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ހާރިޖީ ވަޒީރު ޕައޯލޯ ޖެންޓިލޯނީ އާ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އިޓަލީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ހާރިޖީ ވަޒީރު ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު، ދެ ގައުމުގެ ދެ މެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރު އިޓަލީއަށް ކުރައްވާ ދަތުރުފުޅުގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ މިޝަންގެ ކައުންސެލާ ފާތިމަތު ޣިނާއާއި ފޮރިން މިނިސްޓްރީގެ ސީނިއާ ޑެސްކް އޮފިސަރު ހުސައިން ޖައްހާޒް ބައިވެރިވެވަޑައިގަންނަވަ އެވެ.
އިޓަލީއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ މިއަހަރު 50 އަހަރު ފުރޭނެއެވެ.