ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ރަޖިސްޓްރީކޮށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް ރައްޒާގު އިބްރާހިމް އައްޔަނުކޮށްފިއެވެ.

ޖުމްލަ ފަސް މެމްބަރުން އައްޔަން ކުރަންޖެހޭ އެ ބޯޑަށް ރައްޒާގުގެ އިތުރުން ދެން އައްޔަނު ކުރި އަނެއް ދެ މެމްބަރުންނަކީ ޒީޝާން އަބްދުއްރަހީމް އާއި ޑރ. މަރިޔަމް ވަސީމާ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވާފައިވާ ރައްޒާގު ވަނީ ދިވެހި ރެޑްކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ވެސް އަދާކޮށްފައެވެ. އަދި އޭނާ އަކީ ސްޕޯޓްސް މިނިސްޓްރީގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ އަދި ކުޅިވަރުގެ ދާއިރާއިން ގިނަ ތަރުޖިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގައި ބުނާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ރަޖިސްޓްރީކޮށްފައިވާ އިރު އެ ކޯޕަރޭޝަނަކީ ކުޅިވަރު ގާނޫނުގެ ދަށުން ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.

އަދި އެ ގާނޫނުގައި ބުނާ ގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އަންނަ ތާރީހުން ފެށިގެން، ތިން އަހަރު ދުވަހަށް ކުންފުނިން ހިންގުމަށް ބޭނުންވާނެ މިންވަރަށް އެކަށީގެންވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭންވާނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން މިހާރު އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

އެ ކުންފުންޏަށް އާމްދަނީ ހޯދޭނީ ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ އިންނާއި، ކުޅިވަރު ގާނޫނުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ މުދާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިންނާއި، ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދަން މަސައްކަތް ކުރަމުންދާ މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ އެއާ ޓައިމް ވިޔަފާރި އުސޫލުން ވިއްކައިގެން ލިބޭ މަންފާގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކާއި ހިލާފު ނުވާ ގޮތުގެ މަތިން ހިންގޭ ހަރަކާތްތަކުން ލިބޭ މަންފާއިން ކަމަށް ވެސް ކުޅިވަރުގެ ގާނޫނުގައި ވަނީ ބަޔާން ކޮށްފައެވެ.