ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މާދަމާ 10:00 އަށް ތާވަލްކުރި އެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރީ އާ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުވުމުގެ މަސައްކަތް އަދި ނުނިމޭތީއެވެ.

މާބިންހުރާ ކުއްޔަށްދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ އެ ޗެކުގައިވާ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އަދި އެ ފައިސާ އަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ކުރެއްދޫ ހޯލްޑިންގްސް އިން ދޫކުރި އެޗެކާ ހަވާލުވުމަށްފަހު ޒިޔަތު އެ ޗެކު ދިނީ އަދީބުގެ އަތަށް ކަމަށެވެ. އަދި އޭގެފަހުން އަދީބާއި ހާމިދު ބައިވެރިވެގެން ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ހާމިދުގެ ހިއްސާ އޮންނަ ކުންފުނީގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު އޭގެތެރެއިން 2.3 މިލިއަން ޑޮލަރު ދެފަހަރެއްގެ މަތިން އަދީބުގެ ހިއްސާ ކުރިން އޮތް މޮންޓަލިއޯން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެމްއެމްޕީއާރްސީއަށް އެ ޗެކު ލިބުމާއެކު އަދީބު ގެންދެވީ ދެން އެ ޗެކަށް ހަދާނެގޮތުގެ އިރުޝާދު ދެއްވަމުން ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ އެ މައްސަލައިގެ ލިޔުންތައް ނުލިބޭތީ ދައުވާ އަށް ޖަވާބުދާރީވެވެން ނެތް ކަމަށެވެ.

ހާމިދު އެދުވަހު ދައުވާ އަށް ޖަވާބުދާރީވެފައި ނުވާއިރު، ޒިޔަތުގެ ވަކީލު ޗުއްޓީގައި ހުންނެވުމުން އެދުވަހު އޭނާގެ ބައި ކުރިއަށްގެންގޮސްފައެއް ނުވެއެވެ.