ވޮޝިންޓަން (މާޗް 23): އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ ޕާޓީތަކުން އިއްޔެ އެރިޒޯނާގައި ބޭއްވި ޕްރައިމަރީތަކުން ހިލަރީ ކްލިންޓަން އާއި ޑޮނަލްޑް ޓްރަމްޕް ކުރިހޯއްދަވައިފި އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އޭނާއާ ވާދާކުރައްވާ ޓެކްސަސްގެ ސެނެޓަރު، ޓެޑް ކްރޫޒްއާއި އޮހަޔޯގެ ގަވަރުނަރު ޖޯން ކޭސިކްގެ މައްޗަށް ކުރި ހޯއްދެވީ ފަސޭހަކަމާއެއްކޮށް ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެރިޒޯނާގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވާމަންޓްގެ ސެނެޓަރު، ބާނީ ސޭންޑާސްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

އެރިޒޯނާއަކީ މެކްސިކޯ ކައިރީ އޮންނަ އެއް ސްޓޭޓްކަމުން ޓްރަމްޕް ގެންގުޅުއްވާ "މެކްސިކޯ ރައްޔިތުން އެމެރިކާ އަށް ހިޖުރަ ކުރުމާ ދެކޮޅު" ހިޔާލަށް އެސްޓޭޓްގެ ގިނަ ރައްޔިތުން ތާއީދުކުރެ އެވެ. މެކްސިކޯ ރައްޔިތުން ބޯޑަރު ހުރަސް ކުރުން ހުއްޓުވުމަށް ޓަކައި، އެގައުމުގެ ރައްޔިތުން ލައްވާ ދެގައުމުގެ މެދުގައި ބޮޑު ފާރެއް ރާނާ ދެއްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ޕްރައިމަރީތަކުން ޓްރަމްޕް ކާމިޔާބު ހޯއްދަވަމުން ދިޔުމުގެ ސަބަބުން ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވަނީ އޭނާއާ ދެކޮޅަށް ތެދުވެފަ އެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހު ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީން އޭނާ ހުއްޓުވަން މަސައްކަތް ނުކުރުމަށާއި އޭނާ ހުއްޓުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ހީވަނީ އެއީ [އަޅުގަނޑު ހުއްޓުވުމަކީ] އެމީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ހެން. އެހެން ކޮންމެ ކެނޑިޑޭޓަކާ އަޅާބަލާ އިރު އަޅުގަނޑަށް އެތައް މިލިއަން ވޯޓު އިތުރަށް ލިބޭ،" ސީއެންއެންއާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާނީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. (ރޮއިޓާސް)