28 Apr 2011, 19:03
ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން 55 އަހަރުން މަތީގެ މުވައްޒަފުން މުސްކުޅިކޮށް، މަހުން މަހަށްދޭ އިނާޔަތުގެ އިތުރުން ގަނޑުކޮށްދޭ އިނާޔަތެއް ދިނުމަށް ފަހު ވަޒީފާ އިން ވަކިކުރުމަށް ސިވިލް ސާވިސްކޮމިޝަން [ސީއެސްސީ] އިން ނިންމައިފި އެވެ.
އެ ކޮމިޝަނުންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ އެގޮތަށް ނިންމެވީ މިހާރު ސަރުކާރުން ކުރިއަށް ގެންދާ ރިކަވަރީ ޕްރޮގްރާމާ ގުޅޭ ގޮތުންނާއި، ތައުލީމީ ގާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދީ ސަރުކާރުގެ އޮފީސްތަކުންދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. ފަހުމީ އަދި ވިދާޅުވީ އަލަށް ހަމަޖެއްސި އެގަވާއިދުގެ ދަށުން ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަމިއްލަ އަށް އެދިގެން ވަޒީފާ އިން ވަކިވާ މުވައްޒަފުންނަށާއި އެ ކޮމިޝަނަށް ފެނިގެން ވަކިކުރާ މުވައްޒަފުންނަށް ވެސް ގަނޑުކޮށް ލިބޭ އިނާޔަތެއްގެ އިތުރުން މަހުން މަހަށް ކުރިން ވެސް ދެމުން އަންނަ އިނާޔަތް ލިބިގެންދާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މުސްކުޅިކޮށް ވަކިކުރާ މުވައްޒަފުންނަށް މަހުން މަހަށް ލިބިދޭ އިނާޔަތަކީ އެ މުވައްޒަފަކަށް ލިބޭ މުސާރައެއްގެ 40 ޕަސެންޓާއި އެމީހަކު އެ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާ އަހަރަކާ ގުނަކުރުމުން ލިބޭ އެއްޗެއް ކަމަށެވެ. އަދި ގަނޑުކޮށް އިނާޔަތް ދިނުމުގައި 30 އަހަރަށް ވުރެ ގިނައިން ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި 30 އަހަރަށް ވުރެ މަދުން ހިދުމަތްކޮށްފައިވާ މުވައްޒަފުން ތަފާތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން 30 އަހަރަށް ވުރެ މަދުން މަސައްކަތްކޮށްފައިވާ މުވައްޒަފެއް ނަމަ އެމީހަކަށް ލިބޭނީ އެމީހެއްގެ މުސާރަ ތިނަކުން ގެއްލުމަށް ފަހު އެއަންނަ އަދަދަކާ އޭނާ މަސައްކޮށްފައިވާ އަހަރު ގުނަކުރުމުން އަންނަ އަދަދަކަށްވާ ފައިސާ އެވެ. އަދި 30 އަހަރަށް ވުރެ ގިނައިން މަސައްކަތްކޮށްފައިވާ މުވައްޒަފެއް ނަމަ އެމީހަކަށް ލިބޭނީ އެމީހެއްގެ މުސާރަ ދޭކުން ގެއްލުމަށް ފަހު އެ އަންނަ އަދަދަކާ އޭނާ މަސައްކޮށްފައިވާ އަހަރު ގުނަކުރުމުން އަންނަ އަދަދަކަށްވާ ފައިސާ އެވެ.
"ކުރިން ވެސް 55 އަހަރާއި 65 އަހަރުން މަތީގެ މުވައްޒަފުން ވަޒީފާ އިން މުސްކުޅިކޮށް، ވަކިކުރެވޭ. ކޮމިޝަނުން ބޭނުންވެގެންނާއި އަމިއްލައަށް އެ މުވައްޒަފަކު އެދުމުން ވެސް ވަކިކުރޭ. ނަމަވެސް މިހާރު ތަފާތަކީ ވަކިވާ މުވައްޒަފުންނަށް ގަނޑުކޮށްދެވޭ އިނާޔަތް އިތުރުވާކަން،" ފަހުމީ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސްކުޅިކޮށް، ވަޒީފާ އިން ވަކިކުރުމަށް ނިންމީ ރަށު ކައުންސިލްތަކާ އަތޮޅު ކައުންސިލްތައް އުފެދި ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގަން ފެށުމުން ސަރުކާރުގެ އިދާރާތަކަށް އަންނަމުންދާ ބަދަލާ އެއްވަރަކަށް އެތަނަކަށް އެކަށީގެންވާ ޤާބިލް މީހުންނަށް އެތަންތަނުން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެތަންތަނުގައި ކުރިން ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ ކުރިން ކުރަމުންދާ މަސައްކަތްތަކާ މިހާރު ކުރާ މަސައްކަތްތަކާ ތަފާތުވެފައިވާތީ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.
ވަޒީފާ އިން މުސްކުޅިކޮށް، ވަކިވާން އެދޭ މުވައްޒަފުން " އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން މުސްކުޅިކުރުމަށް އެދޭ ފޯމް" މަސްއޫލު އޮފީސް މެދުވެރިކޮށް، އަންނަ މަހުގެ 30ގެ ކުރިން ހުށަހެޅުމުން ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން މުސްކުޅިކޮށް، ވަޒީފާ އިން ވަކިކޮށްދެވޭނެ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.