ގޫގްލް މެޕްސް ބޭނުންކޮށްގެން، ތަނެއްގެ މަގުމަތީގެ މަންޒަރުތައް ހުންނަ ގޮތް ބަލައިލެވޭ ވާޗުއަލް ރިއަލިޓީ ފީޗަރ، ގޫގްލް ސްޓްރީޓް ވިއު ސްރީލަންކާއަށް ތައާރަފު ކޮށްފި އެވެ.

ގޫގްލްއިން މި ފީޗަރ އިފްތިތާހު ކުރުމާއި އެކު، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް، ސްރީލަންކާގެ ކޮންމެ ސަރަހައްދެއްގެ ވެސް މަގެއްގެ 360 ޑިގްރީ ޕެނޮރަމިކް މަންޒަރުތައް، ސްމާޓްފޯނު، ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

ގޫގްލްއިން ބުނީ، ސްރީލަންކާއަށް މި ފީޗަރ ލޯންޗު ކުރުމާއި އެކު، ގޫގްލް ސްޓްރީޓް ވިއު ބޭނުންކޮށްގެން މިހާރު ޖުމްލަ 76 ގައުމެއްގެ ހުރިހާ މަގެއް ވެސް ވާޗުއަލް ކޮށް ބަލައިލެވޭނެ ކަމަށެވެ.

ގޫގްލްއިން ސްރީލަންކާއަށް ސްޓްރީޓް ވިއު ތައާރަފު ކުރުމުގެ މަގްސަދުގައި ސްރީލަންކާގެ ހުރިހާ މަގެއްގެ ފޮޓޯ ހޯދުމުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހު ގޫގްލްއިިން ނިންމައިލި އިރު، އެކުންފުނީގެ މުވައްޒަފުން ވަނީ ސްރީލަންކާގެ ގާތްގަނޑަކަށް 50،000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދަތުރުކޮށް، އެގައުމުގެ ހުރިހާ ޕްރޮވިންސެއްގެ އަވަށްތަކާއި ޓައުންތަކުގައި ދުއްވައިފަ އެވެ.

އެކުންފުނިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ، ގޫގްލް މެޕްސް މެދުވެރިކޮށް މަގުތަކުގެ ޓްރެފިކް ހާލަތު ވަގުތުން ބަލައިލެވޭ ފީޗަރ ވެސް ސްރީލަންކާއަށް ތައާރަފު ކޮށްފަ އެވެ. މި ފީޗަރ ގޫގްލް މެޕްސްއިން ބޭނުންކުރާ އިރު، ޓްރެފިކް ބާރު ބޮޑު މަގުތަކާއި އެނޫން މަގުތައް ތަފާތު ދެ ކުލައަކުން ފާހަގަ ކުރެވެ އެވެ.

މަސްދަރު:ޑެއިލީ މިރަރ