23 Mar 2016, 10:02
ސަރުކާރުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ނިންމާފައިވާ ލ. ބަރެސްދޫ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން (އެމްއެމްޕީއާރްސީ) އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 10:00 އަށް އެމްއެމްޕީއާރުސީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމައްފަހު، ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވަން އެދޭ ކަމަށެވެ.
މީގެކުރިން ބަރެސްދޫ އަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ރަށެކެވެ. އެރަށުގެ މުއްދަތު 2014ވަނަ އަހަރު ހަމަވުމުން ސަރުކާރުން ވަނީ އެރަށުގެ މުއްދަތު ވިލާ އަށް އިތުރު ނުކޮށްދޭން ނިންމާފަ އެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ބަރެސްދޫގައި ހިންގާ އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓްގެ 16 ބިމެއް ވިއްކާފައިވާ ކަމަށެވެ.