ދެހާސް ސާދަ ވަނަ އަހަރު އަކްޝޭ ކުމާރު އަދި ސޮނާކްޝީ ސިންހާ އެކުގައި ފެނުނު ކާމިޔާބު ފިލްމު، "ހޮލިޑޭ: އަ ސޯލްޖަރ އިޒް ނެވަރ އޯފް ޑިއުޓީ" ގެ ދެވަނަ ފިލްމެއް އުފައްދާ ވާހަކަ އަކީ މިދުވަސްވަރު ބޮލީވުޑުގައި އެންމެ ގަދައަށް ދެކެވޭ ވާހަކަ އެވެ. އަދި އެ ފިލްމުންވެސް ފެނިގެން ދާނީ އަކްޝޭ އަދި ސޮނާކްޝީ ކަމަށް ވާހަކަތައް ވަނީ ފެތުރިފަ އެވެ.

ނަމަވެސް 28 އަހަރުގެ ބަތަލާ ސޮނާކްޝީ މިވަނީ އެ ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ބުނެފަ އެވެ.

އިންޑޯ އޭޝިޔަން ނިއުސް ސާރވިސް އަށް ސޮނާކްޝީ ބުނެފައި ވަނީ، އެއީ ހަމައެކަނި ދެކެވޭ ވާހަކަތަކެއް ކަމަށާއި، އޭގައި ހަގީގަތެއް ނެތް ކަމަށެވެ. ސޮނާކްޝީ ބުނީ ހޮލިޑޭގެ ދެވަނަ ފިލްމެއް އުފައްދާކަން އޭނާއަށް ނުވެސް އެނގޭ ކަމަށެވެ.

"ހޮލިޑޭގެ ދެވަނަ ފިލްމެއް އުފައްދާ ކަމެއް ނުވަތަ ނޫން ކަމެއް އަހަންނަކަށް ނުވެސް އެނގޭ. މިހާރު ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް. އެއީ ހަމައެކަނި ދެކެވޭ ވާހަކަތަކެއް. އެންމެންވެސް އެބަ ޖެހޭ އެއްޗެއް ނުބުނެ މަޑުކޮށްލަން އަހަރެންގެ ފަރާތުން ބަހެއް ލިބެންދެން،" އޭނާ ބުނެފައިވެ އެވެ.

އޭއާރު މުރުގަދޯސް ޑައިރެކްޓު ކުރި ހޮލިޑޭ އަށް މުޅި ޖުމްލަ 1.76 ބިލިއަންގެ އާމްދަނީއެއް ވަނީ ވަނީ ލިބިފަ އެވެ.

މި އަހަރުގެ ތެރޭގައި ސޮނާކްޝީގެ ދެ ފިލްމެއް ރިލީޒް ކުރެވިގެންދާނެ އެވެ. މި އަހަރުގެ މެދު ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ އިންޑިއަން އެކްޝަން ތްރިލާ ފިލްމު، "ފޯސް 2" ގައި ސޮނާކްޝީ ފެނިގެން ދާނީ ޖޯން އަބްރަހަމް އާއެކު އެވެ.

މި އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސޮނާކްޝީގެ ދެވަނަ ފިލްމަކީ އޭއާރު މުރުގަދޯސް ޑައިރެކްޓުކޮށް ޕްރޮޑިއުސްކޮށްފައިވާ "އަކީރާ" އެވެ. ސޮނާކްޝީ އާއެކު އެ ފިލްމުގެ މުހިންމު ރޯލުތަކުން ދެން ފެނިގެން ދާނީ "އޯމްކާރާ" ގެ ތަރި ކޮންކޮނާ ސެން ޝަރުމާ، އަދި މިތުން ޗަކްރަބޯޓީ އެވެ.