ކަރާޗީ (މާޗް 23): މިޒަމާނުގެ ގިނަ އާއިލާތަކުގައި ތިބެނީ އެކެއް ނުވަތަ ދެކުދިންނެވެ. އެއާ ހިލާފާށް ޕާކިސްތާނުގެ ބަަލޮޗިސްތާނުގައި ދިރިއުޅޭ ޖަން މުހައްމަދު ބޭނުން ވަނީ އާދަޔާ ހިލާފަށް ބޮޑު އާއިލާއެކެވެ.

ބަލޮޗިސްތާނުގެ ވެރިރަށުގައި ދިރިއުޅޭ ޖަން މުހައްމަދުގެ ތިން އަނބިންނާއި، 21 އަންހެން ދަރިންނާއި 14 ފިރިހެން ދަރިން ތިބެ އެވެ.

"މިދިޔަ ހަފްތާ ތެރޭގައި އަހަރެންގެ ދެވަނަ އަނބިމީހާއާއި ތިން ވަނަ އަނބިމީހާ ވަނީ ދެ އަންހެން ކުދިން ވިހާފައި. އެހެންކަމުން މިހާރު އަހަންނަކީ 35 ކުދިންގެ ފަހުރުވެރި ބައްޕައެއް. އަހަރެން ބޭނުން ހަތަރު ވަނަ ފަހަރަށް ކައިވެނިކޮށް 100 ކުދިން ހޯދަން،" ޖަން މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ އޭނާގެ އާއިލާގެ ހަރަދަށް ކޮންމެ މަހަކު 100،000 ރުޕީސް (1498 ޑޮލަރު) ހޭދަކުރާ ކަމަށެވެ. ނަމަވެސް އާއިލާއަށް ހަރަދު ކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

"އަހަންނަކީ ކުޑަ ވިޔަފާރިއެއް ވެސް ހިންގާ ޑޮކްޓަރެއް ކަމުން އަހަންނަށް ހަރަދު ބެލެހެއްޓޭ،" ޖަން ބުންޏެވެ.

މުހައްމަދު ވަނީ މިޒަމާނުގައި "ތައުލީމާ ނުލާ ދިރިއުޅުމެއް ނުވާ" ކަމަށް ބުނެ، އޭނާގެ ހުރިހާ ކުދިންނަށް ވެސް އެންމެ މަތީ ފެންވަރުގެ ތައުލީމު ދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޑޯން ނިއުސް ޗެނަލް އިން އާއްމު ކުރި ވީޑިއޯއަކުން މަޝްހޫރުވި، ޖަން މުހައްމަދުގެ އާއިލާއާ ބެހޭ ފޭސްބުކް ވީޑިއޯ އަށް މިހާރު ވަނީ 3.3 މިލިއަން ވިއުސް ލިބިފަ އެވެ. އަދި 175،000 މީހުން ވަނީ ޝެއާކޮށް 4،000 މީހުން ވަނީ ވީޑިއޯއަށް ކޮމެންޓުކޮށްފަ އެވެ. (ޕީޓީއައި)