ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވަން ނިންމި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ.

ރައްޔިތުން މަޖިލީހުގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާ އިރު ގިނަ މަސައްކަތްތައް އަދިވެސް ހުރީ ކޮމެޓީ މަރުހަލާގަ އެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރަމުން ދަނީ މަދު މަސައްކަތްތަކެކެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ އިއްޔެ އެވެ. އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހަޅުއްވާފައި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމާއި ޕާޓުނާޝިޕުގެ ގާނޫނަށް ބަހުސް ކުރުމާއި އަދި ޕާޓުނާޝިޕް ގާނޫނަށް ވޯޓަސް އެހުމެވެ.