އާއްމުކޮށް ކެއްކުމުގައި ބޭނުންކުރާ ބްރޮކަލީއަކީ ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އޭގައި އެކުލެވޭ ކާނާ އެކެވެ. އެގޮތުން ކެލްސިއަމް، އަޔަން، ވިޓަމިން ސީ ވިޓަމިން އަދި ވިޓަމިން އޭ ގެ އިތުރުން ވެސް ގިނަ އަދަދެއްގެ ޕްރޮޓީން ވެސް ބްރޮކަލީގައި އެކުލެވެ އެވެ.

ގިނަ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ ބްރޮކަލީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ، ތަފާތު ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކާނާ އެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ކެއުމުގައި ބޮރޮކަލީ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ބޮރޮކަލީގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށް ބްރޮކަލީ ސްމޫތީ އެއް ތައްޔާރުކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟

ބޭނުންވާ ތަކެތި:

  • 100 ގްރާމް ތާޒާ ބްރޮކަލީ،
  • 100 އެމްއެލް ފެން،
  • ދެ މޭޒުމަތީ ސަމްސާ ލުނބޯ ޖޫސް،
  • އެއް މޭޒުމަތީ ސަމްސާ މާމުއި،
  • އެއް ފެހި އާފަލު.

ތައްޔާރު ކުރާނެ ގޮތް:އާފަލާއި ބްރޮކަލީ ރަނގަޅަށް ދޮވެ ސާފު ކުރުމަށްފަހު ކޮށާލާށެވެ. އެއަށް ފަހު ގުރައިންޑަރަށް އަޅާށެވެ. އަދި ލުނބޯ ޖޫހާއި ފެން ވެސް އެޅުމަށް ފަހު ރަނގަޅަށް ގުރައިންޑުކޮށްލާށެވެ. އަދި ނިމުމުން މާމުއި އެއްކޮށްލުމަށް ފަހު ގިރާލާށެވެ.

ބްރޮކަލީ ސްމޫތީގެ ބައެއް ފައިދާތައް:

ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ

ބްރޮކަލީގައި ބީޓާ ކެރޮޓީން އެކުލެވެ އެވެ. އެ މާއްދާ އަކީ ލޮލަށް ލިބޭ ގެއްލުންތަކުން ލޯ ސަލާމަތްކޮށްދީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ފާހާނާކުރަން އުނދަގޫވާނަމަވެސް ބްރޮކަލީ އިން ހައްލު ހޯދިދާނެ

ބްރޮކަލީގައި ގިނަ އަދަދަކަށް ފައިބާ އެކުލެވެ އެވެ. ސްޓީމްކޮށްފައި ހުރި އެއް ޖޯޑު ބްރޮކަލީގައި ފަސް ގުރާމް ފައިބާ އެކުލެވެ އެވެ. ފައިބާ އަކީ ހަޖަމްކުރުން ރަނގަޅުކޮށްދޭ މާއްދާ އެކެވެ.

ޒުވާންކަންމަތީ ގިނަ ދުވަހު ހުރުމަށް

ބްރޮކަލީގައި ޑިންޑޮލީލްމީތޭން (ޑީއައިއެމް) ކިޔާ މާއްދާއެއް އެކުލެވެ އެވެ. އެ މާއްދާއަކީ ޒުވާންކަންމަތީ ގިނަ ދުވަހު ހުރުމަށް މަގުފަހިކޮށްދޭ މާއްދާއެކެވެ.

ބަރުދަން ލުއި ކުރުމަށް

އެއް ޖޯޑު ބްރޮކަލީގައި 40 ގުރާމް ކެލޮރީސް އެކުލެވެ އެވެ. އެހެންކަމުން ބްރޮކަލީ ކެއުމުން ބަނޑުހައިވުން ލަސްކޮށްދީ ބަރުދަން ލުއިކޮށްދޭނެ އެވެ.