23 Mar 2016, 09:01
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތައް ސަރުކާރު ގެޒެޓުގައި ޝާއިއު ކުރުމުގެ ބަދަލުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ސިފައިން ބަލަހައްޓާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ ދިވެހި ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.
ޓެރަރިޒަމްގެ ގާނޫނަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.
އިއްޔެ ބެލްޖިއަމްގެ ބްރަސެލްސްއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ޒަހަމުވުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަކީ ކުރިން ޓެރަރިޒަމް ނެތް ގައުމެއް ކަމަށާއި އެހެން ނަމަވެސް ފަހަކަށް އައިސް ޓެރަރިޒަމާ ގުޅޭ އަމަލުތައް ދިވެހިންނާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަރަށް ބާރަށް ކުރިއަށް ގެންދާކަމުގެ ސައްހަ މައުލޫމާތުތާއި، ޓެރަރިޒަމަށް ފައިސާ ޖަމާކުރުމާއި ޓެރަރިސްޓުން ރެކްރޫޓުކުރުމުގެ އަމަލުތައް ހިންގާކަމުގެ ސައްހަ މައުލޫމާތު ބައިނަލްއަގުވާމީ ފަރާތްތަކުން ހާމަކުރަމުންދާ ކަމަށެވެ.
އަދި ސަރުކާރުން އެކަން ސިއްރުކޮށް، ދޮގުކުރަމުން ގެންދާކަމަށް ބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅައި ލިސްޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުވާގޮތަށް ޤާނޫނު ފާސްކުރުމަށްފަހު އެކަން އަލުން ބަދަލުކޮށް ޓެރަރިސްޓް ޖަމާޢަތްތައް ލިސްޓްކޮށް ހާމަނުކުރާގޮތަށް ކަނޑައެޅުމަކީ ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއްކަމާއި އަދި ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާކަމެކެވެ." ބަޔާނުގައިވެ އެވެ.
އެ ޕާޓީ އިން ބުނީ ޓެރަރިޒަމާ ބެހޭ ގާނޫނު ފާސްކުރުމަށްފަހު ސަރުކާރުން އެގާނޫނުގެ ބޭނުން ހިފާފައިވަނީ ހަމައެކަނި ސިޔާސީ މީހުން ޖަލަށްލުމަށް ކަމަށެވެ.
އެގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގައި ބައިވެރިވެ ރާއްޖެއިން ބޭރަށް ފުރާ މީހުންނާއި، ބޭރުގެ އެކިއެކި ހަނގުރާމަވެރި ޖަމާއަތްތަކާ ބައިވެރިވެގެން ހަނގުރާމައަށް ފުރާ އެއްވެސް ފަރާތަކާމެދު އެ ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.
އެމްޑީޕީ އިން ބުނީ ކަޅުފައިސާ ދޮވުމުގެ ބޮޑެތި ޖަރީމާތަކުގައިވެސް ދައުލަތުގެ އިސް ވެރިން ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ހާމަވެފައިވާއިރު، އެފަދަ ޖަރީމާތަކާއި ޓެރަރިޒަމާ ގުޅުންވާކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
އިއްޔެ ބްރަސެލްސްގައި ދިން ހަމަލާއާ ގުޅިގެން އެ ޕާޓީން ބުނީ އެ ހަމަލާތަކުންވެސް ދުނިޔޭގެ ހުރިހާ ގައުމުތަކަށްވެސް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވެފައިވާކަން އެނގިގެންދާ ކަމަށެވެ.
އެމްޑީޕީ އިން ބުނީ ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކާ ޖަމާއަތްތަކުން އެކުގައި މަސައްކަތްކޮށްގެން ނޫނީ ޓެރަރިޒަމުގެ ނުރައްކަލުން ގައުމުތަކާއި ރައްޔިތުން ރައްކާތެރި ނުކުރެވޭނެ ކަމަށާއި، ޓެރަރިޒަމާ ގުޅޭ ގާނޫނުތައް ހެދުމުގައާއި އަދި އެ ގާނޫނުތައް ހިންގުމުގައާއި ސިޔާސަތުތައް ކަނޑައެޅުމުގައި ސީރިއަސް ކަމާއެކު، އަދި މާނަހުރިގޮތުގައި އެކަންކަންކުރުން މުހިއްމު ކަމަށެވެ.