28 Apr 2011, 18:37
ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ ތަކެތި ގަތުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް، ވަކި އިދާރާއެއްގެ ގޮތުގައި ސެންޓްރަލް ޕްރޮކިއުމެންޓް އޮފީހެއް ގާއިމުކޮށް ފިނޭންސްގެ މަސައްކަތުގެ ދާއިރާ އަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހުން ގަބޫލުނުކޮށް ތަޅުމުން ބޭރު ކޮށްލައިފި އެވެ.
ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ސެންޓްރަލް ޕްރޮކިއުމެންޓް އޮފީހެއް ފިނޭންސް މިނިސްޓްރީގެ ތެރޭގައި ގާއިމްކުރެއްވުމަށް ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި މައްސަލައަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން އެކަން ފާސްކުރުމަށް ވޯޓް ދެއްވީ އެންމެ 27 މެންބަރުން ނެވެ. އަދި އެގޮތަށް ކަން ފާސްކުރަން ނުފެންނަ ކަމަށް 45 މެންބަރުން ވޯޓު ދެއްވި އެވެ.
އެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔައިރު މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ، އެ ކަމަކީ ސަރުކާރުގެ މައްޗަށް އިތުރުބާރު ހޯދުމަށް ހުށަހަޅާފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އޮފީސްތަކަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ދަތިވެދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެކަމަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއް ކަމަށާއި އެކަމުގެ ސަބަބުން އެތައް ކަމެއް ގޯސްވެގެންދާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.