23 Mar 2016, 00:20
ލ. ގަމުގައި އަލަށް ހަދަމުންދާ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ މިރޭ 11:00 އެހައިކަންހާއިރު އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދެ ސައިލެއް ދުއްވާފައި ދަނިކޮށް އެތަނުން އެސައިކަލް އޯވާޓޭކް ކުރަން އުޅެނިކޮށް ކަމަށެވެ.
އެ ހާދިސާގައި ޒަޚަމްވި ހަތަރު މީހުންނަށް ވެސް ގަމު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
ލިންކު ރޯޑުތަކުގައި ބާރު ސްޕީޑުގައި ސައިކަލް ދުއްވާކަން ވަނީ ފާހަގަކުރެވިފައެވެ. އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ވެސް ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.