22 Mar 2016, 22:21
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ވެފައިވާ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ މީހުން ހައްޔަރު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގައި އެމްއެމްޕީއާރްސީ އަށް ވަންނަން ޖެހޭ 79 މިލިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) އަށް ދައުލަތުގެ ބައެއް ބޮޑުން ވަނީ ޚިޔާނާތްތެރިވެފަ އެވެ. އެ ޚިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ރިޕޯޓްތަކުން ދައްކަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރެވެ.
އެމްއެމްޕީއާރްސީގެ ފައިސާގެ ޚިޔާނާތާ ގުޅޭ މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ޓްވިޓަ އެކައުންޓުން ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމައްސަލާގައި ހައްޔަރު ކުރަންވީ އެކަން ހާމަކުރި ނިލަންދޫ ބީއެމްއެލް މެނޭޖަރު ނޫން ކަމަށެވެ.
ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ބަންދާމެދު ގޮތެއް ނިންމުމަށްފަހު ދޫނިދޫއަށް ގެންދިޔުމަށް ފެރީއަށް އަރުވަނީ ----- ސަން ފޮޓޯ: ފަޔާޒު މޫސާ
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ގާސިމް ހައްޔަރުކޮށްފައިވަނީ ސީދާ ކާކުގެ މައުލޫމާތެއް ހާމަކޮށްގެން ކަމެއް ނޭންގެ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހަރު ހުންނެވީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ވަޑައިގެން އިނގިރޭސި ވިލާތުގަ އެވެ.