22 Mar 2016, 20:55
ބްރަސެލްސް (މާޗް 22):ބެލްޖިއަމްގެ ބްރަސެލްސްގެ އެއާޕޯޓުގަ އާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލައި ދިން ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފި އެވެ.
އެ ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބްރަސެލްސްއިން އަދި ކަށަވަރުކޮށްދީފައި ނުވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު މިހާތަނަށް 34 އަކަށް އަރަ އެވެ.
އެ ހާދިސާއަށް ފަހު އައިއެސް ޖަމާއަތުގެ މައްޗަށް ތުހުމަތުކޮށް ވާހަކަތައް ދެކެވެމުން ދަނިކޮށް އައިއެސް ޖަމާއަތުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރަސެލްސްގެ އެއާޕޯޓުގަ އާއި މެޓްރޯ ސްޓޭޝަނަށް ހަމަލާދިނީ އެ ޖަމާއަތުން ކަމަށެވެ.
އައިއެސް ޖަމާއަތާ ދެކޮޅަށް ހަދާފައިވާ ކޯލިޝަނުގައި ބައިވެރިއެއްގެ ގޮތުން ބެލްޖިއަމް ދަނީ ހަރަކާތްތެރިވަމުންނެވެ.
ބެލްޖިއަމް އެއާޕޯޓުގެ ޑިޕާޗާ ސަރައްހައްދުގައި ދެ ބޮމެއް ގޮއްވާލި ވަގުތު ބަޑި ޖަހާ އަޑު އިވުނު ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. ބްރަސެލްސްގެ އީޔޫ ހެޑްކުއާޓާސް ކައިރީ ހުންނަ މެޓްރޯ ސްޓޭޝަނެއްގައި ބޮން ގޮއްވާލި ކަމަށް ރިޕޯޓިކޮށްފައި ވަނީ އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ.
އެ ހަމަލާތަކާ ގުޅިގެން ބްރަސެލްސްގެ އެއާޕޯޓުތަކާއި މެޓްރޯ ސްޓޭޝަންތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ބެލްޖިއަމްގައި ވަނީ އެންމެ މަތީ ޓެރަރިޒަމްގެ އެލާޓް ނެރެފަ އެވެ.