ށ. އަތޮޅު ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތުގެ އެއް ވަނަ މިލަންދޫ ސްކޫލް ހޯދައިފި އެވެ.

އަތޮޅު ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ ރޭ، ށ. އަތޮޅު މަދަރުސާގަ އެވެ.

މުޅި މުބާރާތުގެ އެއް ވަނަ މިލަންދޫ ސްކޫލް ހޯދިއިރު، ދެ ވަނަ ހޯދާފައި ވަނީ ށ. އަތޮޅު މަދަރުސާ އެވެ. އަދި ތިން ވަނަ ހޯދީ ށ. ފުނަދޫ ސްކޫލެވެ.

މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނައަށް ހޮވިފައި ވަނީ ށ. މިލަންދޫ ސްކޫލުގެ ހަސަން އަވްސަމް އާއި އެ ސްކޫލުގެ މަރްޔަމް ރިޒްނީ އެވެ. ދެ ވަނައަށް ހޮވިފައި ވަނީ ށ. ފުނަދޫ އައިޝަތު އިނާން ރަމްޒީ އެވެ. އަދި ތިން ވަނައަށް ހޮވިފައި ވަނީ ށ.ފީވަކު ނިއުމަތް މުހައްމަދު ނޫރު އާއި މުޙައްމަދު ފަރާޒުގެ އިތުރުން ށ.ފުނަދޫ ފިޒާ ޢާއިޝަތު އީނާޒު އެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއް ވަނަ ހާސިލް ކޮށްފައިވަނީ ށ. މިލަންދޫ އާއިޝަތު ތޫލާ އަންވަރެވެ. ދެ ވަނަށްއަށް ށ. ކަނޑިތީމު މަލާކު އަހުމަދު ފައިސަލް ހޮވިފައިވާއިރު، ތިން ވަނަ އަށް ހޮވިފައި ވަނީ ށ. މިލަންދޫ ނޫއަލި އާއިޝަތު ޝަބާއެވެ.

ށ. އަތޮޅުގެ 12 ސްކޫލަކުން ބައިވެރިވެގެން މިމަހުގެ 19 އިން 21 އަށް އެ އަތޮޅު ކަނޑިތީމުގައި ކުރިއަށްދިޔަ އެ މުބާރާތުގައި އަށް އުމުރުފުރާއަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާ ނުބަލައި ކިޔެވުމުގެ ގޮފިން ޖުމްލަ 142 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.