22 Mar 2016, 20:51
ބެލްޖިއަމްގެ ބްރަސެލްސްގެ އެއާޕޯޓުގަ އާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ބެލްޖިއަމްގެ ބޮޑު ވަޒީރު ޗާލްސް މިޝެލްއަށް ރައީސް އަބްްދުﷲ ޔާމީން ހަމްދަރުދީ ފޮނުއްވައިފި އެވެ.
އެ ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބްރަސެލްސް އިން އަދި ކަށަވަރުކޮށްދީފައި ނުވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު މިހާތަނަށް 34 އަކަށް އަރަ އެވެ.
ރައީސް ޔާމީން ބެލްޖިއަމްގެ ބޮޑު ވަޒީރަށް ފޮނުވި ހަމަދަރުދީގެ މެސެޖުގައި ވިދާޅުވެފައި ވަނީ ބްރަސެލްސްގެ އެއާޕޯޓުގަ އާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލުމުން ގިނަ ބަޔަކު މަރުވި ހަބަރު އެއްސެވީ ވަރަށް ހިތާމައާ އެކު ކަމަށެވެ. އަދި ބެލްޖިއަމުގައި ހިނގި ޓެރަރިޒަމްގެ ފިނޑި އަމަލު، ދިވެހި ރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސް ޔާމީންގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.

ބްރަސެލްސް (މާޗް 22): ބެލްޖިއަމްގެ ބްރަސެލްސްގެ އެއާޕޯޓުގަ އާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލައި 11 މީހަކު ވަނީ މަރާލާފައި --- ފޮޓޯ އޭޕީ
ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެ އިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި މިކަމުގައި ބެލްޖިއަމް ސަރުކާރާއި ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެއާޕޯޓުގެ ޑިޕާޗާ ސަރައްހައްދުގައި ދެބޮމެއް ގޮއްވާލި ވަގުތު ބަޑި ޖަހައި އަޑު އިވުނު ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. ބްރަސެލްސްގެ އީޔޫ ހެޑްކުއާޓާސް ކައިރީ ހުންނަ މެޓްރޯ ސްޓޭޝަނެއްގައި ބޮން ގޮއްވާލި ކަމަށް ރިޕޯޓިކޮށްފައި ވަނީ އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ.
އެއާޕޯޓުގައި ދިނީ ޖާނުން ފިދާ ވުމުގެ ބޮމުގެ ހަމަލާއެއް ކަމަށް ބްރަސެލްސްގެ ނޫސް އޭޖެންސީއަކުން ބުންޏެވެ.
އެ ހަމަލާތަކާ ގުޅިގެން ބްރަސެލްސްގެ އެއާޕޯޓުތަކާއި މެޓްރޯ ސްޓޭޝަންތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ބެލްޖިއަމްގައި ވަނީ އެންމެ މަތީ ޓެރަރިޒަމްގެ އެލާޓް ނެރެފަ އެވެ.