އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް 0-1ގެ ނަތީޖާ އަކުން ބަލިކޮށް މަޖީދިއްޔާ ސްކޫލުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އިސްކަންދަރު ސްކޫލް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް މަޖީދިއްޔާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލެވޭ ގޮތް ނުވި އެވެ.

މަޖީދިއްޔާ ސްކޫލްގެ ފަރާތުން ފުރަތަމަ ހާފުގައި ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެ ޓީމުން ވަނީ ކައުންޓާ އެޓޭކްގައި ކުރިއަރައި އިސްކަންދަރުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ހާފުގައި އިސްކަންދަރުގެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާއެއް ވެސް ވަނީ މަޖީދިއްޔާގެ ކީޕަރު ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފަ އެވެ.

އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިއަދު މަޖީދިއްޔާ އާއި އިސްކަންދަރު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ދެވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި މަޖީދިއްޔާ އިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މަޖީދިއްޔާ މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒަޔާނެވެ.

މަޖީދިއްޔާގެ ގޯލަށްފަހު އިސްކަންދަރުގެ ކުޅުންތެރިން ވަނީ ގޯލެއް ކާމިޔާބު ކުރެވޭތޯ ގިނަ މަސަތްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މުބާރާތުގެ އެންމެ ގިނަ ގޯލު ކާމިޔާބު ކުރި އިސަކަންދަރުގެ އިބުރާހަމް އިމްރާން އަށް ވެސް ވަނީ މަޖީދިއްޔާ ގެ ގޯލު ފޫއަޅުވާލަން ނުކުޅިދިފަ އެވެ.

އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިިނަ ގޯލު ޖެހި އިސަކަންދަރުގެ އިމްރާން އަށް އެފްއޭއެމްގެ ވަގުތީ ޖެނަރަލަ ސެކެޓްރީ މުހައްމަދު އާދަމް ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މިފަހަރުގެ މުބާރާތުގައި އެންމެ މޮޅު 11 ކުޅުންތެރިން ވަނީ ހޮވާފަ އެވެ. އެ 11 ކުޅުންތެރިންގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ ތިން ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދެ ދަރިވަރުންނާއި އިސްކަންދަރު ސްކޫލުގެ ތިން ދަރިވަރުންނާއި އިމާދުއްދީން ސްކޫލުގެ ދެ ދަރިވަރުން ހިމެނެ އެވެ.

އެންމެ މޮޅު 11 ކުޅުންތެރިން

މަޖީދިއްޔާ ސްކޫލް

މުހަންމަދު ޝައުފް ރިލްވާން

މުހަންމަދު ލައިޝް ނިޔާޒު

އަހުމަދު ޒަޔާން އިސްހާގު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

އާލިމް އަބްދުލް ލަތީފު

އަލީ ނާވީ ނިޔާޒު

އިސްކަންދަރު ސްކޫލް

އާދަމް ހަލަފް މަތީން

އިބްރާހިމް އިމްރާން

އިސްމާއިލް ޔޫހު ރިފްއަތު

އިމާދުއްދީން ސްކޫލް

އިބްރާހިމް އަނޫފް

އަހުމަދު ސަމާހް

އަހުމަދު ރައިސަމް ހުސައިން

ފެއާ ޕްލޭ ޓީމް: އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް