23 Mar 2016, 08:44
ޓޫމްބް ރެއިޑާ ރީބޫޓުގައި ލާރާ ކްރޮފްޓުގެ ރޯލު ކުޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް "ދަ ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް"ގައި ރޭގެ ރޯލު އަދާކުރާ ޒުވާން އެކްޓްރެސް ޑެއިޒީ ރިޑްލީ ކަށަވަރުކޮށްދީފި އެވެ.
ރިޑްލީ، 23 އެކަން ކަށަވަރުކޮށްދީފައި ވަނީ އެފަދަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް އަނޑުފެތުރިފައި ވަނިކޮށެވެ.
މިދިޔަ އާދީއްތަ ދުވަހު ލަންޑަނުގައި ބޭއްވި 21 ވަނަ އެމްޕަޔާ އެވޯޑްސް ރަސްމިއްޔާތުގައިހޮލީވުޑް ރިޕޯޓަރއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ރިޑްލީ ބުނީ، ރަސްމީކޮށް އެ ރޯލު ކުޅުމަށް އަދި ލިބިފައިނުވި ނަމަވެސް އެފަދަ މަޝްވަރާ ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ.
ޓޫމްބް ރެއިޑާ ގޭމުގެ މައްޗަށް ބިނާކޮށް މިހާތަނަށް ދެ ފިލްމެއް ވަނީ ރިލީޒްކޮށްފަ އެވެ. އެއީ 2001 ވަނަ އަހަރު ނެރުނު "ލާރާ ކްރޮފްޓް: ޓޫމްބް ރެއިޑާ" އަދި 2003 ވަނަ އަހަރު ނެރުނު "ލާރާ ކްރޮފްޓް ޓޫމްބް ރެއިޑާ: ދަ ކްރޭޑަލް އޮފް ލައިފް" އެވެ. އެ ދެ ފިލްމުގައި ވެސް ލާރާ ކްރޮފްޓުގެ ރޯލު ކުޅެފައި ވަނީ އެންޖަލީނާ ޖޯލީ އެވެ.
އެމްޕަޔާ އެވޯޑް ރަސްމިއްޔާތުގައި ބެސްޓް ފީމޭލް ނިއުކަމާގެ އެވޯޑް ލިބުނު އަދި އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ ސްޓާ ވޯސްގެ އަށް ވަނަ ފިލްމުގެ ޝޫޓިންގައި މިހާރު ހަރަކާތްތެރި ވަމުންދާ ޑެއިޒީ ރިޑްލީ ބުނީ، ޓޫމްބް ރެއިޑާ ކުޅުމަށް ވަގުތު އޮންނާނެ ކަމަށެވެ.
ޓޫމްބް ރެއިޑާގެ ރީބޫޓް ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
މައުލޫމާތު: ހޮލީވުޑް ރިޕޯޓަރ