ސިވިލް ސާވިސް ވަޒީފާތަކުގައި އުޅޭ އެތައް ބަޔަކަށް ބޭއިންސާފު އެތައް ކަމެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ސިވިލް މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭ ޑޭ"ގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަ ކުރާ މޭ މަހުގެ ފުރަތަމަ ދުވަހު ހިނގާލުމެއް ބޭއްވުމަށް ސިވިލް ސާވަންޓްސް އެސޯސިއޭޝަން ހަމަޖައްސައިފި އެވެ.

މޭ މަހުގެ ފުރަތަމަ ދުވަހު ބާއްވާ ހިނގާލުމުގައި ސިވިލް ސާވިސް ހުރިހާ މުވައްޒަފުން ބައިވެރި ވުމަށް ސިވިލް ސާވަންޓްސް އެއޯސިއޭޝަންގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ސިވިލް ސާވިސްގެ ބާޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފައިސާ ނުދީ މަޖުބޫރުކޮށްގެން ސިވިލް ސާވިސް މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވުން ފަހަކަށް އައިސް ވަނީ އާއްމުވެފަ އެވެ. އަދި ސަރުކާރުގެ ބައެއް އިސް ވެރިން ބައެއް މުވައްޒަފުންނަށް ފުރައްސާރާކުރުމާއި ޖެއްސުން ކުރުން އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ތުހުމަތުކޮށްފައިވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނާ މެދު ބޭއިންސާފަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެކަންތައް ވަގުތުން ހުއްޓާލުމަށް އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް ލިބެންޖެހޭ ވަޒީފާގެ ކުރިއެރުން ނުލިބޭ ކަމަށާއި ގާނޫނާ ހިލާފަށް 2010 ވަނަ އަހަރު ސިވިސް ސާވިސްގެ މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ފައިސާ މިހާތަނަށްވެސް ލިބިފައިނުވުމަކީ ކަންބޮޑުވާ ކަންތައްތައް ކަމުގައި އެ ޖަމިއްޔާއިން ބުނެ އެވެ.

ދެހާސް ނުވަ ވަނަ އަހަރު ސަރުކާރުން ވަނީ އިގުތިސާދީ ހާއްސަ ހާލަތެއް ދިމާވެފައިވާ ކަމަށް ބުނެ ތިން މަސް ދުވަހަށް ސިވިލް ސާވަންޓުންގެ މުސާރަ 10-15 ޕަސަންޓާ ދޭތެރޭގެ އަދަދަކުން ކުޑަކޮށްފަ އެވެ. ނަމަވެސް، ތިން މަސް ފަހަނައަޅައި، 2010 ވަނަ އަހަރު ނިމިގެންދިޔައިރުވެސް ސަރުކާރުން މުސާރާ އިއާދައެއް ނުކުރެ އެވެ.

ނަމަވެސް، 2010 ވަނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ ސިވިލް ސާވަންޓުންގެ ހަމަ މުސާރަ ހިމަނައިގެންނެވެ. މިއަދާ ހަމައަށްވެސް 2010 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ސިވިލް ސާވަންޓުންގެ ހަމަ މުސާރައިގެ ތެރެއިން ސަރުކާރުން ހިފަހައްޓާފައިވާ ފައިސާ މުވައްޒަފުންނަށް ދީފައެއް ނުވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނަނީ، އެ ފައިސާ ހޯދުމަށް ސަރުކާރާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.