ސިނަމާލެ-1 ފްލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގިތާ މާކަ ގިިނައިރުތަކެއް ނުވެ އެ ސަރަހައްދަށް އަލިފާން ނިއްވާ ސިފައިންދިޔަ އެވެ. ސިފައިން އަވަސްވެގަތީ ފުލެޓުގައި އަލިފާން ނިއްވުމަށް ހަދާފައި ހުރި "ޑުރައި ރައިޒިން" ބޭނުންކޮށްގެން އަލިފާން ގަނޑު ނިއްވާލުމަށެވެ. ނަމަވެސް އެ ހޮޅިތައް މަސައްކަތެއް ނުކުރި އެވެ.

އެފުލެޓުތަކުން އަލިފާން ނިއްވުމަށް ޓަކައި ފެން ފޯރުކޮށްދިނުމަށް ހަރުކޮށްފައި ހުރި ހޮޅިތައް ވަނީ ބާވެ ފޫވެއްޓިފަ އެވެ. ދަބަރަށްވެފަ އެވެ. އެހޮޅިތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ބާވެ، ހަލާކުވެފަ އެވެ. އެތައްބައިވަރު ހޮޅިތަކެއް އަޅާފައިވާ އިރު ބޭނުންކުރެވޭނެ އެންމެ ހޮޅިއެއް ހުރި ކަމަކަށް ވެސް ނުބެލެވެ އެވެ.

ޑުރައި ރައިޒިން ސިސްޓަމް ދަބަރަށްވެފައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެތައް ސަތޭކަ ބަޔަކު ދިރިއުޅޭ ފުލެޓުގެ ކަންކަން ހުރީ މިހާ ހިސާބުގަ އެވެ. އަލިފާން ރޯވެގެން ބެލި އިރު އަލިފާން ނިއްވަން ބޭނުންކުރާ ހޮޅިތައް އެހެރީ ދަބަރަށްވެފަ އެވެ. އެތައް ބައެއްގެ ދިރިއުޅުމާއި ފުރާނަޔާ ގުޅިފައިވާ ކަންކަމުގައި ހާލަތުހުރީ މިގޮތަށެވެ.

"ކިތަންމެ ފަހަރަކު މިކަންކަން ސަމާލު ކަމަށް ގެނެސްފިން، ވީކަމެއް ނެތް، އެ ހޮޅިތަކަކީ މިހާރު ޕީސް ކޮޅު ފޮރުވަން ބޭނުންކުރާތަނެއް." އަލިފާންގަނޑު ރޯވެފައިވާ މަންޒަރު ބަލަހައްޓައިގެން ހުރެ ފުލެޓުގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.

މީގެ 26 އަހަރު ކުރިން ޗައިނާގެ ކުންފުންޏަކުން އިމާރާތްކޮށްފައިވާ އެ ފުލެޓުތައް ހަދާފައި ހުރީ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްކުރެވޭނެ ވަސީލަތްތަކާ އެކު އެވެ. ނަމަވެސް މިއަދާ ހަމައަށް އެ އިމާރާތްތަކުގެ މެއިންޓެނަސް ކަންކަން ނުކޮށް ހުރުމުގެ ސަބަބުން ކަންކަން މިވަނީ އެހާލަތައް ގޮސްފަ އެވެ.

ފުލެޓުތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވީ އެހާލަތައް ފުލެޓުގެ ކަންކަން ދިޔައީ އެކަމަށް ބޭނުންވާ ފައިސާ ނުލިބުމުން ކަމަށެވެ.

"އެކަންކަމަށް ފައިސާ ނުލިބޭތީ މަރާމާތު ނުކުރެވިފައި އެވަނީ." ޝިހާބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގެ ބައެއް ފުލެޓުތަކަކީ މީހުން ދިރިއުޅެވޭ ހާލަތުގައި ހުރިތަންތަން ކަމަށް ނުފެންނާތީ އެތަންތަން މަރާމާތު ކުރުމަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

ކޮންމެ ސަބަބުތަކެއް ހުރި ނަމަވެސް އެތައް ބަޔަކު ދިރިއުޅޭ ފުލެޓުތަކުގެ ހާލަތު މިހިރީ ވަރަށް ދަށަށް ވެއްޓިފަ އެވެ. އަލިފާން ނިއްވަން ބެލި އިރު ހޮޅިތައް މައްސަލަޖެހި ފެންނާންނަ ހިސާބަށް ކަންކަން ގޮސްފައިވުމަކީ ކަންބޮޑުވާން ޖެހޭ ކަންކަމެވެ. މިއީ ބޮޑު އިހުމާލެކެވެ.