ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާގައި ދިރިއުޅެމުންދާތީ، މާލޭގައި ސިންގަޅަ ބަސް ކިޔަވަދޭ ކުލާސްތަކެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މާލޭގައި ސިންގަޅަ ބަސް ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އަރިހަށް ސްރީލަންކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް (ރިޓަޔަޑް) ބީއާރްޑަބްލިޔުއެމްއާރްއޭބީ ތޮރަޑެނިޔަ މިއަދު ކުރެއްވި ޒިޔާރަތެއްގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، މިއަދުގެ އެ ބައްދަލުވުމުގައި ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ތައުލީމީ ދާއިރާ އިން އޮތް ގުޅުމާ އެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން، އެހެނިހެން ގައުމުތަކުގެ ދަރިވަރުންނަށް ސްރީލަންކާގައި ކިޔެވުމަށް އެ ގައުމުގެ ފަރާތުން ދޭން ނިންމާފައިވާ ސްކޯލާޝިޕްތަކާ ގުޅޭ ގޮތުންނާއި މާލޭގައި ދިރިއުޅޭ އަންހެނުންނަށް ހިލޭ ސެލްފް ޑިފެންސް ކިޔަވައިދިނުމުގެ ކުލާސްތަކެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެ އެވެ.