Last Updated: 10 year 8 month ago

ސިނަމާލެ-1 ފްލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފުން ބުނީ، ސިނަމާލޭ ފްލެޓްގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ، ބުރުޒުމަގަށްވާ ގޮތަށް ހުންނަ އިމާރާތުގަ އެވެ. އަދި މުޅި ސަރަހައްދަށް ވަރަށް ބޯކޮށް ކަޅު ދުން ވަނީ ފެތުރިފަ އެވެ. ބެލެވޭ ގޮތުގައި ރޯވެފައިވަނީ، އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގަ އެވެ.

އަލިފާން ރޯވެފައިވާ އިމާރާތުން މީހުން ހުސްކުރުމަށް އެމްއެންޑީއެފްގެ ފަޔައެންޑް ރެސްކިއުއާއި ފުލުހުންނާއި އާންމުން ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުޙައްމަދު ވިދާޅުވީ، ސިނަމާލެ-1 ގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދުނާން ވިދާޅުވީ، އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި އޮޅުން ނުފިލާ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަނަށް އަދުނާން ވިދާޅުވިއެވެ.

އަލިފާން ރޯވި އިމާރާތަކީ، ސިނަމާލެ-1 މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އެޅި އެއް އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައެވެ. ގިނަ ބަޔަކު ދިރިއުޅޭ އިމާރާތުގައި ހިނގި އެހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުނީ އަލިފާން ނިއްވާ މީހުން، އަލިފާން ރޯވި ފްލެޓް ނިއްވި ފަހުން އެ ފްލެޓާ ޖެހިގެން ދެކުނަށް ހުރި އިމާރާތުގެ ފުރާޅުން އަލިފާން ހިފި ކަމަށަށެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ އަލިފާން ވަނީ ނިއްވާލައިފަ އެވެ.
ތަފްސީލް އަންނަނީ...
ސިނަމާލެ ފުލެޓް އެކެއްގެ އެޕާޓްމަންޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ސިނަމާލެ އެކެއްގެ ހަތަރު ވަނަ ބުރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ފުލެޓުގެ އެހެން ބަައިތަކަށް ވެސް ދުމުގެ އަސަރުކޮށް، ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މިއަދު މެންދުރުފަހު 2:30 އެހާކަށްހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވީ ބުރުޒުމަގަށްވާ ގޮތަށް ހުންނަ އިމާރާތުގަ އެވެ. އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވެ، އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ.
އެ އިމާރާތުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް ވަނީ ހަލާކުވެފަ އެވެ. އަލިފާން ނިއްވާ ނިޒާމުގައި ގެންގުޅޭ އިމާރާތުގެ އެކި ފަންގިފިލާތަކަށް ފެން ހޮޅި ގުޅަން ބޭނުންކޮށްފައިވާ ދަގަނޑުން ހޮޅިތަކުގައި ވަނީ ދަބަރު ޖަހައި ފޫވެއްޓިފަ އެވެ.
އިމާރާތުގެ އަލިފާން ނިއްވާ ނިޒާމް ހަލާކުވެފައި ހުރުމުން، އަލިފާން ނިއްވަން އެމްއެމްޑީއެފަށް ދައްޗާ ކުރިމަތިވި އެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލުކޮށް، އިމާރާތުން އަލިފާން ނިއްވާލެވުނީ ދޮޅުގަޑިއިރުގެ މަސައްކަތުންނެވެ.
އަލިފާން ރޯވި އެޕާޓްމަންޓުގައި ދިރިއުޅޭ އަބްދުﷲ ޝާނު ނަމަކަށް ކިޔާ ޒުވާނަކު ބުނީ އަލިފާން ރޯވިއިރު އެއްވެސް މީހަކު އެޕާޓުމަންޓުގައި ނޫޅޭ ކަމަށެވެ. އަދި ބުނީ އަލިފާން ރޯވެފައި ހުރީ އޭނާގެ ބައްޕަ އުޅުނު ކޮޓަރީގައި ކަމަށެވެ.
ސިނަމާލެ އެކެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، އަލިފާން ރޯވި ބުލޮކުން މިހާރު ވަނީ ކަރަންޓު ވެސް ކަނޑާލައިފަ އެވެ. އަދި ފުލުހުން މިހާރު ދަނީ އެޕާޓުމަންޓުތަކަށް މީހުން ވެއްދުމުގެ މަސައްކަތް ކުރަމުން ނެވެ. އެޕާޓުމަންޓުތަކަށް މީހުން ވައްދަމުންދާއިރު ފުލުހުން ދަނީ އަލިފާން ރޯވި ބުލޮކުގެ އެޕާޓުމަންޓުތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން ނެވެ.