އެއްކޮށް ރާވާލުމަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ވައިގެ އުޅަނދު ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ދިގުމިނުގައި 302 ފޫޓު (92 މީޓަރު) ހުންނަ "އެއާލޭންޑާ 10"ގެ ނަން ދީފައިވާ އެ އުޅަނދު ދައްކާލާފައި ވަނީ، އިނގިރޭސި ވިލާތުގައި ކާޑިންގްޓަންގައި ހުންނަ ވައިގެ އުޅަނދުތައް ބާއްވާ ގަރާޖު ނުވަތަ ހެންގަރުގަ އެވެ. އެތަނަކީ އިނގިރޭސި ވިލާތުގައި ހުންނަ އެންމެ ބޮޑު ހެންގަރު ވެސްމެ އެވެ.

އެ އުޅަނދު އެންމެ ފުރަތަމަ އުފައްދަން ފަށާފައި ވަނީ އެމެރިކާ ސަރުކާރަށް ސަވައިލެންސް ކުރުމަށް 2009 ވަނަ އަހަރު އެވެ. ނަމަވެސް ފައިސާ ނެތި އެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން ހުއްޓާލުމުން އެ އުޅަނދު ތަރައްގީ ކުރަން ފަށާފައި ވަނީ އިނިގިރޭސި ވިލާތުގެ ހައިބްރިޑް އެއާ ވެހިކަލްސް (އެޗްއޭވީ) އިންނެވެ.

އެޗްއޭވީ ބުނީ، އުސްމިނުގައި 85 ފޫޓު އަދި ފުޅާމިނުގައި 143 ފޫޓު ހުންނަ އެ އުޅަނދުގެ ބަރުދަނުގައި 20 ޓަނު ހުންނާނެ ކަމަށެވެ. އަދި ހީލިއަމް އަޅާފައި ހުންނަ އެ އުޅަނދުގައި 48 ފަސިންޖަރުންނާއި 10 ޓަނު އުފުލޭ އިރު، ގާތްގަނޑަކަށް 20،000 ފޫޓު އުސްމިނަށް އުޅަނދަށް ދަތުރުކުރެވޭނެ ކަމަށެވެ.

ދެ ހަފްތާ ވަންދެން ވައިގެ ތެރޭގައި އޮވެވޭނެ އެ އުޅަނދަށް ގަޑިއިރެއްގެ ތެރޭގައި 144 ކިލޯ މީޓަރު ބާރުމިނުގައި ދުވާނެ ކަމަށް ވެސް އުޅަނދު އުފެއްދި ކުންފުނިން ބުނެ އެވެ.

އެ އުޅަނދަށް ތާރު އަޅާފައި ހުންނަ ރަންވޭއެއް ބޭނުމެއް ނުވެ އެވެ. ސީދަލަށް ޓޭކް އޮފްކޮށް އަދި ލޭންޑް ކުރުމުގެ ގާބިލްކަން ހުންނަ އެ އުޅަނދަށް ހަނަފަސް ސަހަރާތަކާއި އައިސް އަދި ފެންގަނޑުތަކަށް ވެސް ޖެއްސޭނެ ކަމަށް ހައިބްރިޑް އެއާ ވެހިކަލްސް އިން ބުނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ސަވައިލެންސްގެ އިތުރުން މުވާސަލާތުކުރުމަށާއި ކާގޯ އަދި އެހީ އުފުލުމުގެ އިތުރުން މުސްތަގްބަލުގައި ފަސިންޖަރުން އުފުލަމަށް ވެސް އެ އުޅަނދު ބޭނުންކުރުމަކީ އެ ކުންފުނީގެ އުއްމީދެއް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ކުރިން "އެއާލޭންޑާ 10"ގެ 12 އުޅަނދު އުފެއްދުމަކީ އެ ކުންފުނީގެ އަމާޒެވެ.

މައުލޫމާތު: ރޮއިޓާސް، ބީބީސީ