ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި މިއަދު ދިން ވަރުގަދަ ބޮމުގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ބްރަސެލްސްގެ އެއާޕޯޓުގަ އާއި މެޓްރޯ ސްޓޭޝަންގައި ބޮންތަކެއް ގޮއްވާލައި މިއަދު ދިން ވަރުގަދަ ހަމަލާތަކެއްގައި 11 މީހަކު ވަނީ މަރުވެފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ބްރަސެލްސްގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ބްރަސެލްސްގައި ތިބި ދިވެހި ރާއްޖޭގެ މިޝަން އިން ދިވެހިންގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްރީ އިން ވަނީ ބްރަސެލްސްގައި ދިން ޓެރަރިސްޓް ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެއާޕޯޓުގައި ދިނީ ޖާނުން ފިދާ ވުމުގެ ބޮމުގެ ހަމަލާއެއް ކަމަށް ބްރަސެލްސްގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ބްރަސެލްސްގެ އީޔޫ ހެޑްކުއާޓާސް ކައިރީ ހުންނަ މެޓްރޯ ސްޓޭޝަނެއްގައި ދެ ބޮމެއް ގޮއްވާލާފައިވާ ކަމަށާއި ބަޑީގެ އަޑުފައްގަނޑެއް އިވުނު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ހަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބްރަސެލްސްއިން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، 11 މީހަކު މަރުވެފައިވާ ކަމަށާއި 30 މީހަކަށް އަނިޔާވިކަމަށް ހަބަރުތައް ބުނެ އެވެ.

އެހަމަލާތަކާ ގުޅިގެން ބްރަސެލްސްގެ އެއާޕޯޓުތަކާއި މެޓްރޯ ސްޓޭޝަންތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ބެލްޖިއަމްގައި ވަނީ އެންމެ މަތީ ޓެރަރިޒަމްގެ އެލާޓް ނެރެފަ އެވެ.