28 Apr 2011, 18:12
ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނާ ހިލާފުނުވާނެ ގޮތެއްގެ މަތިން ނޫނީ ސަރުކާރުގެ އޮފީސްތަކުން ކޮމްޕިއުޓާ ސޮފްޓްވެއާ ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
ރައީސްއާ ހަވާލާދީ ރައީސް އޮފީހުން މިއަދު އާއްމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނަށް މި މަހުގެ 21ގައި އަމަލް ކުރަން ފަށާފައިވާ އިރު އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ކޮޕީރައިޓާ ގުޅޭ އެހެނިހެން ހައްޤުތައް ރަޖިސްޓްރީކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މެނުވީ، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކޮމްޕިއުޓާ ސޮފްޓްވެއާގެ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް، ނޭޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީގެ މަޝްވަރާއާއި ލަފާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް އެ ދެންނެވުމުގައިވެ އެވެ.
ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް މި މަހުގެ 21 ން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެޤާނޫނުގެ ދަށުން ކޯޓުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ ނުވަތަ އެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްދުގައި ނުވަތަ އިހުމާލަކުން ވިޔަސް އުނިކަމެއް އަންނަ ފަދަ ކަމެއް ކޮށްފި ނަމަ 10000ރ. އިން ތިން ލައްކަ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.