ފްރާންސްގެ ގައުމީ ޓީމުން ބާކީ ކޮށްފައިވާ ކަރިމް ބެންޒެމާ އެ ޓީމަށް އަލުން ނެގުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ކޯޗު ޑިޑިއޭ ޑެޝޯމްޕް ދެކޮޅު ހަދައިފިއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ހިމެނޭ މެތިއު ވެލްބުއެނާ، ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެ ގައުމުގެ އެފްއޭއިން ބެންޒެމާ ސަސްޕެންޑް ކޮށްފައިވާ އިރު ކޯޓުން ވަނީ މި ދިޔަ މަހު އޭނާއާ ދޭތެރޭ އަޅާފައިވާ ބައެއް ފިޔަވަޅު އުވާލާއި ގައުމީ ޓީމަށް ކުޅެވޭނެ ކަމަށް ބުނެފައެވެ.

ނަމަވެސް ޑެޝޯމްޕް ބުނީ ބެންޒެމާ ޓީމަށް ނެގުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން އިތުރަށް ބޭނުން ނުވާ ކަމަށާއި ކުރިއަށް އޮތް ދެ މެޗަށް 23 ކުޅުންތެރިންގެ ސްކޮޑެއް ނަގާފައިވާ ކަމަށެވެ.

"ބެންޒެމާގެ ހުނަރާއި ބެހޭގޮތުން އެއް ވެސް ސުވާލެއް ނުއުފެދޭ. އަނިޔާ އިން ރަނގަޅުވެ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އޭނާ ވަނި ރީތި ގޯލެއް ކާމިޔާބް ކޮށްފަ. ރެއާލް މެޑްރިޑް މޮޅު ކޮށް ދިނުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑު،" ޑެޝޯމްޕް ބުނެޏެވެ.

ޑެޝޯމްޕް ބުނީ މި ވަގުތަކީ ބެންޒެމާގެ ވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތެއް ނޫން ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ދެ މެޗަށް ނެގި 23 ކުޅުންތެރިންނާއި ބެހޭގޮތުން ވާހަކަދައްކަން ވީ ވަގުތު ކަމަށް ވެސް ބުނެފައެވެ.

"އަހަރެންގެ އެބަ އޮތް ޕްލޭނެއް. ކުރިއަށް އޮތް ޔޫރޯ އަށް ނަގާނެ ސްކޮޑެއް ވެސް މިހާރު މި ވަނީ ގާތްގަޑަކަށް ފައިނަލް ވެފަ. އެންމެ ބޮޑު އިސްކަމެއް ދީގެން މިކުރަނީ އެ ކުޅުންތެރިން ފިޓްކޮށް، ޔޫރޯ އަށް ނެރުމުގެ މަސައްކަތް،" ޑެޝޯމްޕް ބުންޏެވެ.

ފްރާންސް ސްކޮޑުގައި އޭނާ ހިމަނާފައި ނުވާތީ ސީދާ އެކަމާގުޅޭގޮތުން ބެންޒެމާ އެއްޗެކޭ ނުބުނި ނަމަވެސް އޭނާ ވަނީ، އޭނާގެ އަހުލާގާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް ޓްވީޓަކުން ރައްދެއް ދީފައެވެ.

"12 ސީޒަން ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފިން. އޭގެ ތެރޭގައި 541 މެޗު ކުޅުނު އިރު 11 ރީނދޫ ކާޑު ދެއްކި ނަމަވެސް އެއްވެސް ރަތް ކާޑެއް ނުދައްކާ. އެކަމަކު ވެސް ބައެއް މީހުން އަހަރެންގެ ފަރާތުން ފެންނަ ނަމޫނާއާ ދޭތެރޭ ސުވާލު އުފައްދާ،" ބެންޒެމާގެ ޓްވީޓްގައި ވެއެވެ.

ޑެޝޯމްޕްގެ ވާހަކަ ތަކުގައި ބެންޒެމާ ޓީމަށް ނެގުމުގެ އެއްވެސް ވާހަކައެއް ހިމެނިފައިނުވި ނަމަވެސް ބެންޒެމާ އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިއެއްކަން އޭނާ އަންނަނީ ސާބިތުކޮށްދެމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅެދިން 26 މެޗުގައި 24 ގޯލު ކާމިޔާބް ކޮށް ރަނގަޅު ފޯމެއްގައި ހުރިކަން ސާބިތު ކޮށްދީފައެވެ.