ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް ސަރުކާރުގެ އެކި އިދާރާތަކުން ހިންގާފައިވާ ހިޔާނާތުގެ މައުލޫމާތާއި އެ ހިޔާނާތްތަކުގެ ތަހުގީގުތައް ގޮސްފައިވާ ހިސާބެއް ހޯދުމަށް މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަން މައްސަލަތަކުގެ އިތުރުން މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވަ ކޮރަޕްޝަނުގެ ހުރިހާ މައްސަލައެއް ބެލުމަށް އެ ކޮމެޓީގެ ހުރިހާ މެމްބަރުން އެއްބަސްވެ މިދިޔަ ހަފްތާގައި އެކުލަވާލި ފަސް މެމްބަރުންގެ ކޮމެޓީ އެކެވެ.

މިއަދު އޮތް ސަބް ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފިޔަވައި ދެން ހުރި ދައުލަތުގެ އެހެން އިދާރާތަކުން އެމްއެމްޕީއާރްސީއާ ގުޅޭ ގޮތުން އެއްކޮށްފައިވާ މައުލޫމާތު ހޯދުމަށް ނިންމައިފަ އެވެ.

ފުލުހުންނާއި އޭސީސީ އިން އެކަމުގެ މައުލޫމާތު ނު ހޯދުމަށް މެމްބަރުން ނިންމީ އެއީ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކަށް ވާތީ ތަހުގީގަށް ހުރަސް އެޅިދާނެތީ އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެމްބަރުން ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުތަކުގައި ބުނެފައިވާ ފިޔަވަޅުތައް އަޅާފައި ވޭތީ ބަލަން ޖެހޭ ކަމަށެވެ. އަދި އެ ކަންކަން ބެލުމަށް ފަހު ހާޒިރުކުރަން ޖެހިއްޖެ ފަރާތެއް ހާޒިރު ކުރާނެ ކަމަށެވެ.