22 Mar 2016, 13:34
ސިޔާސީ ޕާޓީގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް ބުނާ އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް، އިނގިލީގެ ނިޝާން ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފި ނަމަ ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.
ދީދީ އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމަތުގެ ތެރޭގައި އެފަރާތްތަކުގެ އިނގިލީގެ ނިޝާން އޮންނަންވާނެ ކަމަށެވެ. އަދި އެކަން އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް 2013 ގެ ކުރިން ޕާޓީތަކާއި ގުޅިފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާތީ، ސިޔާސީ ޕާޓީގެ ދަފުތަރުގައި ހިމެނޭ ހުރިހާ މެމްބަރުންގެ ސައްހަކަން އެއް އުސޫލަކުން ކަށަވަރު ކުރެވޭނެ އުސޫލެއް ތައާރަފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ މެމްބަރަކަށް ވުމަށް ހުށަހަޅަން ޖެހޭ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެމީހެއްގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއި އަދި އެމީހެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީއެކެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތްކުރަންވާނީ، އެ މުއްދަތުތަކުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ކަމަށް އިސްލާހުގައިވެ އެވެ.
އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ 2013 ގެ ކުރިން ހިނގައިދިޔަ މުއްދަތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހުމުގެ ސަބަބުން، މެމްބަރުންގެ ނަމުގެ ސައްހަކަމާ މެދު ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބި މިކަމާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.