ރާއްޖޭގެ ބިމުގެ ފެން ފަށަލަ ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އާއްމު ކުރެއްވި ބަޔާނެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ފެނުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ބިމުގެ ފެން ފަށަލަ ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރަންޖެހެ އެވެ. ވެހޭ އިރު ފެންނަގައި، ވާރޭފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެނުން ލިބެން ހުރި ފައިދާތައް ހެޔޮގޮތުގައި ބޭނުން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ،" ތޯރިގު ވިދާޅުވެފައިވެ އެވެ.

ފެނުގެ ހިދުމަތް ގާއިމްކުރުމަށާއި ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވެފައި ވަނީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 50 ރަށުގައި ފެނުގެ ނިޒާމު ގާއިމްކުރުން ކަމަށާއި މިހާރު ވެސް 37 ރަށެއްގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ވާރޭފެން ރައްކާ ކުރުމަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް 2500 ލީޓަރުގެ ވާރޭފެން ރައްކާކުރާ ތާންގީ (ކަޅުހަން) ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށާއި ވާރޭފެން ރައްކާކުރާނެ ނިޒާމު 77 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތޯރިގު ވިދާޅުވެފައިވެ އެވެ.

"މިއަހަރު ވެސް ވާރޭފެން ނަގައި ރައްކާކުރާ ނިޒާމްތައް ގާއިމްކުރުމުގެ މަޝްރޫޢު ދަނީ ހިންގަމުންނެވެ. މިގޮތުން އިތުރު 77 ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ކުރެވެމުންނެވެ. މި އަހަރުގެ މިހާތަނަށް ފެނަށް ބޭނުން ވެގެން އެދުނު 30 އަށް ވުރެ ގިނަ ރަށްރަށަށް ފެން ފޯރުކޮށްދެވިފައިވެ އެވެ،" ތޯރިގު ވިދާޅުވެފައިވެ އެވެ.